ކ. މާލެ
|
28 މެއި 2023 | އާދީއްތަ 19:16
ރައީސް ބިލެތްދޫ ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް ބިލެތްދޫ ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް، ބިލެތްދޫ ކައުންސިލާ ބައްދަލުކުރެއްވުން
ބިލެތްދޫ ބަނދަރުގެ މަސައްކަތާއެކު ބިން ހިއްކުން ކުރިއަށްދާނެ: ރައީސް
 
ކައުންސިލުން ވަނީ ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަން ރައީސާ ހިއްސާކުރައްވާފައި
 
ފާއިތުވި 50 އަހަރު ބިލެތްދޫއަށް ލިބިފައި ނެތް ތަރައްގީ މިސަރުކާރުގައި ލިބިގެން ހިނގައްޖެ

ފ. ބިލެތްދޫ ބަނދަރުގެ މަސައްކަތާއެކު އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެ މެންދުރު ބިލެތްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވައި ރަށުގެ ތަރައްއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުވުން ފެއްޓެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބިލެތްދޫ ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވައި، އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިލެތްދޫއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށް ދިޔުމަށް ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ބިލެތްދޫ ކައުންސިލުން ވަނީ، މިސަރުކާރުން ބިލެތްދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަމަށާއި، ރައްޔިތުން ތިބީ ސަރުކާރާއެކުގައި ކަމުގައި ވިދާޅުވެފައެވެ. އަދި ބިލެތްދޫއަށް މިސަރުކާރުން ގެނެސްދީފައިވާ ތަރައްގީއާއެކު، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ތާއީދު ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެބައޮތްކަމުގައި ކައުންސިލުން ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ​އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަކީ އަތޮޅުތެރޭގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދީފައިވާ ސަރުކާރުކަމަށާއި، ފާއިތުވި 50 އަހަރު ބިލެތްދޫއަށް ލިބިފައި ނެތް ތަރައްގީ މިސަރުކާރުގައި ލިބިގެން ހިނގައްޖެ ކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ބިލެތްދޫގެ ރައްޔިތުން ބޭނުންވާ ކަންކަމުގެގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި؛ ކައުންސިލަށް ދިމާވެފައިވާ މާލީ ދަތިތަކާއި، ކުޅިވަރު ކުޅޭނެ ދަނޑާއި ވަސީލަތްތައް ނެތުމާއި، ސްކޫލުގެ ލައިބްރަރީއެއް ގާއިމްކުރުމާއި، ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރާ ހަކަތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި، ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ، މިސަރުކާރުން ކޮމިޓީތަކުގެ ހިންގުމަށް ގެނެސްދެއްވި ބަދަލުތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި ކޮމިޓީތައް ހިންގުމަށް އޮތް ދަތިތަކާއި ހަރަކާތްތައް ހިންގުމަށް ދިމާވާ މާލީ ދަތިކަންވެސް އ.ތ.މ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިލެތްދޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ ރަށުގެ ބިން ބޮޑު ކުރުންކަމަށާއި، ބަނދަރުގެ މަސައްކަތާއެކު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާނެކަމުގައެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި މުއްސަސާތަކާ ގުޅިގެން ކުރިޔަށްގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި