ފ. ބިލެއްދޫގައި ފެނަކައިން ތަރައްގީ ކުރި އައު އިންޖީނުގެއާއި އައު އޮފީސް އިމާރާތް ހުޅުވައިފިއެވެ.
މި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ އާދީއްތަ ދުވަހު ބިލެއްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ފެނަކައިގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކާ އެއްގޮތަށް ބިލެއްދޫގައި ވެސް އަސާސީ ހިދުމަތް ހޯދުމުގައި ދަތިތައް ހުރި ކަމަށެވެ. އެގޮތުން, ކަރަންޓުގެ ޚިދުމަތަކީ މީގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި މި ހުޅުވިގެންދިޔަ އައު އިންޖީނުގެއާއި އޮފީސް އިމާރާތުގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ބިލެއްދޫގެ ކަރަންޓު ވިއުގަ މިހާރު ބަދަލުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފެނަކައިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަނއިރު އެކަންކަމަށް ބޭނުންވާ އިންސާނީ ވަސީލްތަތައް ވެސް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް އެ ކުންފުނިން 61 އޮފީސް އިމާރާތާއި 48 އިންޖީނުގޭގެ މަސައްކަތް ރާއްޖޭގެ އެކި ރަށްރަށުގައި ނިންމާފައިވާ ކަމަށާއި 28 އިންޖީނުގޭގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަަމަށް ވިދާޅުވިއެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އެ ރަށްރަށުގެ އިންޖީނުގެތަކުގެ ޚިދުމަތްވެސް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
ބިލެއްދޫގައި ފެނަކައިން ގާއިމްކޮށްފައިވާ އިންޖީނުގޭގައި 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 500 ކިލޯވޮޓުގެ ޖަނަރޭޓަރަކުން ޚިދުމަތްދޭނެއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިއީ ކުރިއަށް އޮތް 50 އަހަރު ރަށުގެ ތަރައްގީއަށް ބޭނުންވާ ހަކަތަ ދަތިކަމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ތަރައްގީ ކޮށްފައިވާ އިންޖީނުގެއެކެވެ.
އެ ރަށުގައި ކުރިން ހުރި އިންޖީނުގެއަކީ 24 އަހަރުވީ އިންޖީނުގެއެކެވެ. ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކާ ދިމާވުމާ ގުޅިގެން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް މިހާރު އެކަމަށް ހައްލު ވަނީ ލިބިފައެވެ.
އިންޖީނުގޭގެ އިތުރުން ބިލެއްދޫގައި އަލަށް ހުޅުވި އޮފީސް އިމާރާތަކީ 1600 އަކަފޫޓުގެ ބޮޑު އޮފީހެކެވެ. މި އޮފީހުގެ ސަބަބުން ފެނަކައިގެ މުވައްޒަފުންނަށް އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ.
މި އޮފީސް އިމާރާތްކޮށްފައިވަނީ މުވައްޒަފުންނަށް ބޭނުންވާ ޚިދުމަތްތަކާއެކުގައެވެ. އެގޮތުން މި އޮފީހުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މީޓިންގ ރޫމަކާއި މެނޭޖަރ ރޫމާއި ޓެކްނިކަލް ސްޓާފް ރޫމުގެ އިތުރުން ޕޭންޓްރީ, ރެސްޓްރޫމް އަދި ފާޚާނާ ހިމެނެއެވެ.
ފެނަކައިން އަންނަނީ ރަށްރަށުގައި ހުރި ބާ އިންޖީނުގެތައް ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކޮށް ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓި އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.