ފ. ބިލެއްދޫ ރައްޔިތުން ބޭނުންވާ އޭޓީއެމް ޚިދުމަތް އަންނަ ޖުލައި މަހުގެ ތެރޭގައި އެ ރަށުގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބިލެއްދޫގައި ފެނަކައިން ގާއިމުކުއި އައު އިންޖީނުގެއާއި އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ބިލެއްދޫ ރައްޔިތުން އޭޓީއެމްގެ ޚިދުމަތަށް އެދެމުން އަންނަ ކަމަށާއި އެހެންވެ މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ފުރަތަމަ ގާއިމުކުރާ 10 އޭޓީއެމްގެ ތެރޭގައި ބިލެއްދޫ އޭޓީއެމް ހިމެނިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބިންހިއްްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވެސް ރައްޔިތުން އެދޭ ކަމަށާއި އެމަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށެވެ.
ބިލެއްދޫއާ ކައިރިގާއި އެއަރޕޯޓެއް ތަރައްގީ ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ފައިދާ މުޅި އަތޮޅަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން, އެއަރޕޯޓާއެކު ފ. އަތޮޅުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވެގެންދާނެ ކަމަށާއި އެކަމަށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަށް ސަރުކާރުން ދޫކުރާ ލުއި ލޯނުތަކުގެ ބޭނުން ހިފުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބިލެއްދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރީ ސަރުކާރުން ފެށި ނަމަވެސް މި ސަރުކާރުން އެ މަސައްކަތް ކުރިއަށްގެންދިއުމުގައި ދަތިތަކާ ދިމާވި ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ބޭނުންތެރި މުހިންމު މަސައްކަތްތަކަށްވާތީ އެކަން މިހާރު ކުރިއަށްގެންގޮސް ނިމުމަކާ ގާތްވެފައިވާކަން ވެސް ރައީސް ފާހަގަކުރެއްްވިއެވެ.