ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 18:00
އިސްލާމީ މަރުކަޒު ގައި ޖަމާއަތުގައި ނަމާދުކުރަނީ
އިސްލާމީ މަރުކަޒު ގައި ޖަމާއަތުގައި ނަމާދުކުރަނީ
ގެޓީ އިމޭޖަސް
ވަގުފު އިމާރާތްތްތަކުގެ މަސައްކަތް
އާ ވަގުފު އިމާރާތްތަކާއި އެކު މިސްކިތްތައް މަރާތުކުރުމުގެ މަސައްކަތް އިތުރަށް އަވަސް ވާނެ ކަމަށް އުންމީދު ކުރެވޭ : ފަންޑު މެނޭޖަރ
މިސްކިތްތައް މަރާމާތުކުރަމުން ދަނީ އެންމެ ބޮޑަށް ހަލާކުވެފައިވާ މިސްކިތްތަކަށް އިސްކަން ދޭ އުސޫލުން
މިހާރުވެސް ވަރަށް ގިނަ މިސްކިތްތައް މަރާމާތުކުރުމަށް ރިކުއެސްޓް ލިބޭ

އާ ވަގުފު އިމާރާތާއި އެކު މިސްކިތްތައް މަރާތުކުރުމުގެ މަސައްކަތް އިތުރަށް އަވަސް ވާނެ ކަމަށް އުންމީދު ކުރެވޭކަމަށް އިސްލާމިކް މިނިސްޓްރީގެ ފަންޑް މެނޭޖަރު އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ހުޅުމާލޭގައި އިތުރު ވަގުފު އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން އާ ވަގުފް އިމާރާތް އެޅުމަށްޓަކައި ހުޅުމާލެއިން ދެ ސަރަހައްދެއްގައި އިމާރާތްތައް ހެދުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅުއްވާ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ. އަބްދުﷲ ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ މިސްކިތްތައް މަރާމާތުކުރުމަށް ރިކުއެސްޓް ލިބޭ ކަމަށެވެ. އެހެންނަމަވެސް ޑިމާންޑާއި އެއްވަރަށް މިސްކިތްތައް މަރާމާތު ނުކުރެވެނީ ފަންޑުގެ ދަތިކަން ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. މިސްކިތްތައް މަރާމާތުކުރަމުން ދަނީ އެންމެ ބޮޑަށް ހަލާކުވެފައިވާ މިސްކިތްތަކަށް އިސްކަން ދޭ އުސޫލުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އުންމީދަކީ މިހާރަށް ވުރެ އެ މަސައްކަތް އަވަސްވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓަރ ވިދާޅުވެފައި ވަނީ ވަގުފް ދިރުވުމަށްޓަކައި މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރެއްވި ނަމަވެސް މާލޭގައި ބިމުގެ ތާށިކަން ކުރިމަތިވެފައިވާތީ ފަހުން އެ މަސައްކަތް ހުޅުމާލޭގައި ކުރުމަށް ނިންމެވީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން މާލޭގައި ވަގުފް އިމާރާތެއް ބިނާކޮށްފައެވެ. ދާރުލް އީމާނުގެ ނަމުގައި ބިނާކޮށްފައިވާ އެ އިމާރާތް ޚާއްސަކޮށްފައި ވަނީ މިސްކިތު ފަންޑަށެވެ. އެތަނުން ފައިސާ ޚަރަދު ކުރަނީ މިސްކިތްތަކަށެވެ. މިހާރު ހުރި ވަގުފް އިމާރާތުގެ އިތުރުން އެހެން އިމާރާތެއް އެޅިއްޖެކަމަށްވާނަމަ ދައުލަތުން މިސްކިތްތަަކަށް ކުރާ ޚަރަދު ކުޑަވެގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް