ކ. މާލެ
|
24 މެއި 2023 | ބުދަ 18:53
އިބްރާހީމް ޝާކިރު
އިބްރާހީމް ޝާކިރު
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު
އިބްރާހީމް ޝާކިރު އަވަހާރަވުން
ތައުލީމީ ދާއިރާއަށް ޚިދުމަތް ކޮށްދެއްވި އިބްރާހީމް ޝާކިރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ފޮނުއްވައިފި
 
ބުދަ ދުވަހުގެ މެންދުރު ނަމާދަށްފަހު ވަނީ ފަސްދާނުލާފައި
 
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި މެދުނުކެނޑި 26 އަހަރު ހޭދަކުރައްވާފައިވޭ

ގިނަ ދުވަސްތަކެއް ވަންދެން ތައުލީމީ ދާއިރާއަށް ޚިދުމަތްތަކެއް ކޮށްދެއްވި އިބްރާހީމް ޝާކިރު އަވަހާރަވުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ތައުޒިޔާ ފޮނުއްވައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ޝާކިރު އަވަހާރަވީ އަންގާރަ ދުވަހުގެ ރޭ މެންދަމު 3:00ހާއިރު ކުއްލިއަކަށް ހަރަކާތް ހުއްޓުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައެވެ. އަދި ބުދަ ދުވަހުގެ މެންދުރު ނަމާދަށްފަހު ވަނީ ފަސްދާނުލާފައެވެ.

ޝާކިރު އަވަހާރަވުމާ ގުޅިގެން ޝާކިރުގެ އާއިލާއަށް މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ އިސްވެރިންނާއި، މިނިސްޓްރީގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާފައިވާއިރު، އެޑިޔުކޭޝަނުން ބުނީ މިއީ ތައުލީމީ ދާއިރާއަށް ލިބުނު ފުން ހިތާމައެއްކަމަށެވެ.

01 ފެބުރުއަރީ 1997ގައި ލައިބްރޭރިއަނެއްގެ ގޮތުގައި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ގުޅިވަޑައިގަތް ޝާކިރު ވަނީ، އެ ސްކޫލަށް ޚިދުމަތްކުރެއްވުމުގައި މެދުނުކެނޑި 26 އަހަރު ހޭދަކުރައްވާފައެވެ. އަވަހާރަވީއިރު ހުންނެވީ އެ ސްކޫލުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ. ޝާކިރަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ އަވަހާރަވުމަކީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި މުޅި ތައުލީމީ އާއިލާއަށް ލިބުނު ފުން ހިތާމައެއްކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

ޝާކިރު ކުއްލިއަކަށް އަވަހާރަވެފައި މިވަނީ އަހުމަދިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންނާއި މުދައްރިސުންނާއެކު، ޝާކިރު ނިސްބަތްވެވަޑައިގަންނަވާ ލ. އަތޮޅަށް ކުރެއްވި ފީލްޑް ޓްރިޕް ދަތުރު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގަތްފަހުންނެވެ. ޝާކިރުގެ ކުއްލި ވަކިވުމާ ގުޅިގެން އާއިލާގެ އިތުރުން އަހުމަދިއްޔާ ސްކޫލަށްވެސް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް