ކ. މާލެ
|
23 މެއި 2023 | އަންގާރަ 12:53
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި މީހަކު ހައްޔަރުކޮށްފި
އޮޕަރޭޝަނުގައި 24 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވޭ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. މަނަދޫ އަދި އއ. މަތިވެރީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން މަނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 22 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ މަނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި 24 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، ތިން ދަޅު ބިޔަރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއް، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް، ޖޫސްޕެޓީ ސައިޒުގެ ކޮތަޅެއް، ބޮޑުރަބަރު ޕެކެޓެއް، ކުޑަ 13 ރަބަރު ޕެކެޓު، ހަ ސެލޯފިންކޮޅު އަދި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.

މަތިވެރީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން މަތިވެރިއަށްދާ ފެރީއަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ އިންޓެލިޖެންސާއި މަތިވެރި ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.

މި މަހު 22 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މަތިވެރި ބަނދަރަށް ފެރީ ގާތްކުރުމުން، އެ ފެރީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް