35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
މިކަމަށްޓަކައި ބަންޑާރަކޮށީގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދުއަށް ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޓީފުޅާއި މެޑަލް ބޯޑު، ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލްގެ ސިޓީފުޅާއި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ. ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.
ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1987 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ. މިވީ ދިގު މުއްދަތުގައި އޭނާ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައި ކަމަށާއި އިތުރު މަގާމުތަކުގެ ތެރޭގައި، މާފުށީ ޖަލު ސެކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ ކޮމާންޑަރުގެ މަގާމާއި އޯޑިނެންސް ސަރވިސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރގެ މަގާމާއި، ކޮމާންޑިންގ އޮފިސަރގެ އެހީތެރިއާގެ މަގާމާއި، ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިއާގެ މަގާމާއި ރީޖަނަލް ހެޑްކުއާޓަރސް ލ. ކައްދޫގެ ބޭސް ކޮމާންޑަރުގެ މަގާމާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރޮޓޮކޯލް އޮފިސަރުގެ މަގާމާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރޮކިއުމެންޓް އޮފިސަރުގެ މަގާމާއި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމުވެސް ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން އޭނާ ދިފާއީ ވުޒާރާގައި އަދާކުރައްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ޕްރިންސިޕަލް ޑައިރެކްޓަރ ޓްރޫޕްސް ވެލްފެއަރ އެންޑް ޕްރޮޓޮކޯލް އާއި ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ފޮރިންލިއެޒަން، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ޑައިރެކްޓްރޭޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް، ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ މަގާމު ހިމެނެއެވެ.
ދިވެހި އަސްކަރިއްޔާގައި އުފައްދަވާފައިވާ ބޯޑުތަކާ ކޮމެޓީތަކުގައިވެސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު ވަނީ ސިފައިންގެ ކުރިއެރުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި އިރު ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު ހުންނެވީ މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސްގެ މަގާމުގައެވެ.
ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިހުލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 12 ކުލަ، ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދަށް ވަނީ ލިބިވަޑައިގެންފައެވެ.