Advertisement
ކ. މާލެ
|
20 މެއި 2023 | ހޮނިހިރު 17:10
ޓްރެފިކް ފުލުހުން ހައިވޭގައި ހަރަކާތްތެރިވަނީ
ޓްރެފިކް ފުލުހުން ހައިވޭގައި ހަރަކާތްތެރިވަނީ
އަތޫފް އާތިފް
ސްޓިކާ ޖެހުން
ފުރަތަމަ ކުއާޓަރުގައި 10،000ށްވުރެ ގިނަ ވެހިކަލްގައި ސްޓިކާ ޖަހައިފި
ގަވާއިދާ ޚިލާފުވެގެން 543 ސައިކަލެއް ޓޯ ވެސް ކޮށްފައިވޭ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 10،000ށްވުރެ ގިނަ ވެހިކަލުގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުމުލަ 10،617 ވެހިކަލެއްގައި ފުލުހުން ވަނީ ސްޓިކާ ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5093 ސައިކަލާއި، 3978 ކާރާއި، 853 ޕިކަޕާއި، 475 ވޭނާއި 107 ޖިޕުގެ އިތުރުން 111 ޓްރަކެވެ.

ލައިސެންސް ސަސްޕެންޑް ކޮށްފައިވަނިކޮށް ވެހިކަލް ދުއްވި 284 މީހަކު ހިފަހައްޓާފައިވެއެވެ. އަދި ލައިސެންސް ނުލައި 824 މީހަކު ވަނީ ދުއްވައިގެން ހިފަަހައްޓާފައެވެ.

މިންގަނޑަށްވުރެ ބާރަށް ދުއްވައިގެން 443 މީހަކު ހިފެހެއްޓިއިރު މޯބައިލް ފޯން ހިފައިގެން ދުއްވައިގެން 243 މީހަކު ވަނީ ހިފަހައްޓާފައެވެ.

ގަވާއިދާ ޚިލާފުވެގެން 543 ސައިކަލެއް ޓޯ ވެސް ކޮށްފައިވެއެވެ. އަދި 40 ކާރާއި، 8 ޕިކަޕާއި، 7 ވޭނާއި، 13 ބައިސިކަލުގެ އިތުރަށް 3 ބެޓެރީ ސައިކަލުވެސް ޓޯކޮށްފައި ވެއެވެ.

Advertisement

ތަފާސްހިސާބުތައް ދައްކާގޮތުން، 539 މަގުމަތީގެ އެކްސިޑެންޓް ވަނީ ތަހުގީގުކޮށްފައެވެ. އެ އެކްސިޑެންޓުތަކުގައި 77 މީހަަކަށް އަނިޔާވެފައި ވެއެވެ.

އެ އެކްސިޑެންޓްތަކުގެ ތެރެއިން 516 އެކްސިޑެންޓަކީ މާލޭ ސަރަހައްދުގައި ހިނގައިފައިވާ އެކްސިޑެންޓުތަކެވެ. އައްޑޫ ސިޓީގައި ހަ އެކްސިޑެންޓް، ފުވައްމުލައް ސިޓީގައި ނުވަ އެކްސިޑެންޓް އަދި ކުޅުދުއްފުށި ސިޓީގައި ތިން އެކްސިޑެންޓު ހިނގައިފައިވެއެވެ. އެހެން ރަށްރަށުގައި ހިނގައިފައިވަނީ ޖުމުލަ ފަސް އެކްސިޑެންޓެވެ.

ފުލުހުން މި ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، މާލޭގައި ދުއްވާ އެއްޗެހި ގިނަވެ ޕާކްކުރާނެ ޖާގައެއް ނެތުމަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. އަދި ޕާކްކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖަހަނީ ކަމަށް ބުނެ ފުލުހުންނަށް ވަރަށް ގިނަ މީހުން ފާޑުކިޔައެވެ.

ފުރަތަމަ ފަހަރަށް ސްޓިކާ ޖެހުމުން ޖޫރިމަނާއަކީ 250 ރުފިޔާއެވެ. ދެވަނަ ފަަހަރު 500 ރުފިޔާއެވެ. ތިންވަނަ ފަހަރާއި އޭގެ ފަހުން ކޮންމެ ފަހަރަކު 750 ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް