ސަރުކާރުން މިފްކޯގެ މަސް ރައްކާކުރާ ކެޕޭސިޓީ ހާހަކުން ފަސްހާހަށް އިތުރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިފަދައިން ވިދާޅުވީ މިފްކޯގެ ޖަރީރާ 103 ބޯޓު އޮޕަރޭޝަނަށް ގެނައުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މިފްކޯގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ 1727 ޓަނުން 5027 ޓަނަށް އިތުރުކުރެވިފައިވާކަމަށެވެ.
އަދި މިއަހަރު ނިމޭއިރު މި އަދަދަ 5887 މެޓްރިކް ޓަނަށް ބަދަލުވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފްކޯގެ ކެޕޭސިޓީއަށް އައި ބަދަލުތައް ހިއްސާ ކުރައްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް، މިދިޔަ އަހަރު ނިމުނުއިރު މި މަސް ރައްކާކުރެވޭ ކެޕޭސިޓީ ވަނީ 167 އިންސައްތަ ނުވަތަ 4707 މެޓްރިކް ޓަނަށް އިތުރުކުރެވިފައިކަމަށެވެ.
އަދި އަލަށް ބޭނުންކުރަން ފެށި މިފްކޯގެ ޖަރީރާ 103 އާއިއެކު މިފްކޯގެ މަސްކިރާ ކެޕޭސިޓީ 5017ށް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރު 3 އުޅަނދު މިއަހަރުގެ 4 ވަނަ ކުއާޓަރުގެ ކުރީކޮޅު ރާއްޖެ ގެނެސް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް މިހާރުވެސް އެދަނީ ކުރަމުން. މިއާއެކު މިފްކޯގެ އުޅަނދުތަކުގެ ކެޕޭސިޓީ 860 މެޓްރިކް ޓަނުން އިތުރުވެ ޖުމްލަ 5887 މެޓްރިކް ޓަނަށް އިރުވެގެންދާނެ. މި 5 އަހަރުގެ ތެރޭގައި މަސް ގަތުމުގެ ކެޕޭސިޓީ މި އިތުރުވަނީ އޭގެ ކުރީގެ ހުރިހައި އަހަރުތަކެއްގައި ކެޕޭސިޓީ އުފެއްދުނު އަދަދާއި ނުބައްދަލްކޮށް 2018 ވަނަ އަހަރު ނިމުނުއިރު ހުރި ކެޕޭސިޓީއާއި އަޅާބަލާއިރު މިހާރު މިވަނީ ގާތްގަނޑަކަށް 241 އިންސައްތައިން ކުރިއަރާފައި.ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
މިފްކޯގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރެވިފައިވާ އިރު، މިފްކޯގެ އުޅަނދުތަކުގައި މަސް ގަނޑުކުރެވޭ ކެޕޭސިޓީ ވެސް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރު ވެރިކަމަށް އައި އިރު، މަސް ގަނޑުކުރެވޭ ކެޕޭސިޓީ ހުރީ އެންމެ 80 މެޓްރިކް ޓަނުގައިކަމަށާއި، އަލަށް ބޭނުންކުރަން ފެށި ބޯޓާއިއެކު މިފްކޯގެ ބޯޓުތަކުގައި މަސް ގަނޑުކުރެވޭ ކެޕޭސިޓީ 290 މެޓްރިކް ޓަނަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިހާރު ގެންނަން މަސައްކަތް ކުރާ 3 އުޅަނދު އޮޕަރޭޝަނަށް ނެރުމުން، މަސް ގަނޑުކުރެވޭ ކެޕޭސިޓީ 500 މެޓްރިކް ޓަނަށް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.