ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 13:21
ޓެލެގްރާމް
ޓެލެގްރާމް
ރާއްޖެއެމްވީ
ޓެލެގްރާމް
ހުރިހާ ނުބައި އަމަލެއް ހިންގަނީ ޓެލެގްރާމް މެދުވެރިކޮށް!
ޓެލެގްރާމްގައި ހިންގާ ގްރޫޕްތަކާމެދު ފިޔަވަޅު ނޭޅޭތީ އެކަމުގެ ކަންބޮޑުވުން އެބައޮތް

ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާފައިވާ ޒަމާނެއްގައި އެކި އެޕްލިކޭޝަންތައް ވެސް މި އަންނަނީ ތައާރަފުވަމުންނެވެ. މިފަދައިން ތައާރަފުކުރި އެއް ވަސީލަތަކީ ޓެލެގްރާމެވެ. ޓެލެގްރާމް ވުޖޫދުވެގެން އައި 2013 ވަނަ އަހަރުއެވެ. އެހެން އެޕްލިކޭޝަންތަކާއި އަޅާބަލާއިރު ޓެލެގްރާމްގެ ސެކިއުރިޓީ ފީޗާސްތައް ވަރުގަދައެވެ. މި އެޕްލިކޭޝަންގައި އެމީހެއްގެ ފޯނު ނަންބަރު ނުފެންނަ ގޮތަށް ހެދުމުގެ ފުރުސަތު ވެސް ލިބިގެންދެއެވެ. އަދި ދެ މީހަކު މެސެޖުތައް ބަދަލުކުރާނަމަ، އެމީހެއްގެ ޗެޓްލޮގޯއާއެކު މުޅި ޗެޓްލޮގް ވެސް ޑިލީޓްކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ. މި އެޕްލިކޭޝަނަކީ ވަރަށް ޕްރައިވެސީ ބޮޑު އެއްޗެކެވެ.

މި އެޕްލިކޭޝަން ރާއްޖޭގައި ވެސް ވަރަށް ގިނަ ބަޔަކު ދަނީ ބޭނުން ކުރަމުންނެވެ. އަދި ނަހަމަ ގޮތުގައި މި އެޕްލިކޭޝަންގެ ބޭނުން ހިފާ މީހުންގެ އަދަދު މަދެއް ވެސް ނޫނެވެ. ޓެލެގްރާމުގެ ސެކިއުރިޓީ ފީޗާސް ވަރުގަދަވުމުން ހުރިހާ ނުބައި އަމަލެއް ހިންގުމަށް މީހުން ބޭނުންކުރަނީ ޓެލެގްރާމެވެ. ޓެލެގްރާމުގައި ގްރޫޕްތައް ހަދައިގެން އެމީހެއް އެ ހިންގާ ނުބައި އަމަލެއް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރެއެވެ.

ރާއްޖޭގެ ޓެލެގްރާމް ގުރޫޕެއްގައި މަސްތުވާތަކެތީގެ ބާވަތްތަކެއް ވިއްކަން އިޝްތިހާރު ކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް އެކަން ފުލުހުން ބަލަން ފެށިއެވެ. ހަށިވިއްކުމުގެ ހަރަކާތްތައް ފުޅާކޮށް ޓެލެގްރާމް ގުރޫޕެއް ހިންގަމުންދެއެވެ. ގަވާއިދާއި ހިލާފަށް ލައިސަންސް ހޯދުމާއި މެޑިކަލްސް ސެޓްފިކެޓް ހޯދުމާއި ބިދޭސީންގެ ނަމުގައި ރެޖިސްޓްރީކޮށްފައި ހުންނަ ސިމްކާޑުތައް ވިއްކުމާއި އެހެނިހެންވެސް ބޮޑެތި ކުށްތައް އެގުރޫޕް މެދުވެރިކޮށް ހިންގޭގޮތަށް ގުރޫޕް ހިންގާ ފަރާތުން އަންނަނީ ހަމަޖައްސާ ދެމުންނެވެ. ޓެލެގްރާމް ގްރޫޕްތައް ހަދައިގެން މީހުންގެ ބަރަހަނާ މަންޒަރުތައް ލީކުކޮށް މީހުން ބްލެކްމޭލް ކުރުމުގެ ކަންކަން އާންމު ކަމަކަށް ވެފައިވާއިރު މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ދައުވާވެސް އުފުލާފައިވެއެވެ.

މީގެއިތުރުން ޓެލެގްރާމް ގްރޫޕެއްގައި ސިހުރު ހަދައިދިނުމުގެ ވިޔަފާރި ވެސް ފުޅާދާއިރާއެއްގައި އަންނަނީ ހިންގަމުންނެވެ. މީގެކުރިންވެސް ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ ޓެލެގްރާމްގައި ހިންގާ ގްރޫޕްތަކާމެދު ފިޔަވަޅު ނޭޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. ފޭކް ޑޮލަރު ވިއްކުމަށް އިސްތިހާރު ކުރާ މައްސަލައެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހަށް މިދިޔަ މަހު ހުށަހެޅިއެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އިސްތިހާރު ކުރަނީ އަސްލާއެއްގޮތަށް ހުރި ޑޮލަރު ނުވަތަ "ސުޕަރ ޑޮލަރު" ވިއްކާ ކަމަށެވެ. އެގޮތުން، މި ޑޮލަރަކީ އަސްލު ޑޮލަރާ އެއް ސެކިއުރިޓީ ފީޗާތަކެއް އެކުލެވޭ ޑޮލަރުތަކެއް ކަމަށާއި ހަމަލޮލަށް އަދި މެޝިނަކުން ވެސް ދެ ނޫޓުގެ ތަފާތު ހޯދަން އުނދަގޫ ވާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ފޭކު ނޫޓުތަކަކީ އުތުރު ކޮރެއާގައި އުފައްދާފައިވާ ނޫޓުތަކެއް ކަމަށާއި އެ ނޫޓުތައް އޭޓީއެމްތަކަށް ވެސް ޖަމާކުރެވޭނެ ކަމަށް އިސްތިހާރުތަކުގައި ވަނީ ބުނެފައެވެ. މިކަން ކުރަމުން އަންނަ ފަރާތްތަކުން އެއީ ކޮންބައެއްކަން އެނގެން ބޭނުން ނުވާ ކަން ވެސް އެ ޕޯސްޓުތަކުގައި ހާމަކޮށްފައި ހުރެއެވެ.

ޓެލެގްރާމް މިހާރު ވެފައިވަނީ މިފަދަ ފާހިޝް އަދި ބިރުވެރި މުޖުތަމައުގެ އަމަންއަމާންކަމާއި މަސްލަހަތު ނަގާލާ ގިނަ ގްރޫޕުތައް ހިންގާ ބޮޑު ހަބަކަށް ވެފައެވެ. އޮރިޔާން މަންޒަރުތައް ލީކު ކުރާ ގްރޫޕުތަކާއި ސިހުރު ހަދައިދިނުމުގެ ވިޔަފާރި ކުރާ ޓެލެގްރާމް ގުރޫޕުތަކާއި ޖުވާ ކުޅުމުގެ ކަންކަން ހިންގާ ގުރޫޕުތަކުގެ އިތުރުން ޑްރަގުގެ ވިޔަފާރި ކުރާ ގްރޫޕުތައް ހިންގުން ދުވަހެއް ދުވަހަކަށް މި އަންނަނީ އިތުރުވަމުންނެވެ.

ބަޔަކަށް މިގޮތަށް ގްރޫޕުތަކެއް ހިންމުގެ ފުރުސަތު ދެވިއްޖެނަމަ މިފަދަ ކަންކަން ވެގެންދާނީ މުޖުތަމައުގެ ތެރޭގައި ގިނަ މައްސަލަތަކެއް އުފެދި ފޫނުބެއްދޭނެ ވަރުގެ ކަމެއް ކަމާއި މެދު ޝައްކެއް ނެތެވެ. މިފަދަ ކަންކަން ހުއްޓުވޭނޭ ގޮތްތައް ހޯދާ މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އެޅޭނޭ ގޮތްތައް ކަމާބެހޭ އިދާރާތަކުން ހޯދަން އެބަޖެހެއެވެ. ހުރިހާ ނުބައި އަމަލެއް ޓެލެގްރާމް މެދުވެރިކޮށް ހިންގާއިރު މިއީ އަޅާނުލާ ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ.

- ކޮމެންޓް