ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް، އެކަމާއި ގުޅޭ ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްއާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ އަހުމަދު މޫސާގެ މައްޗަށެވެ.
އޭގެ އިތުރުން، އަސީލް މާހިރު، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ ރައްޔިތުންތަކެއްކަމަށްވާ އިޤްބާލްއާއި މުހައްމަދު ރިޔާދުގެ މައްޗަށްވެސް މި މައްސަލައިގައި ދައުވާތައް އުފުލާފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ޝަކީލެވެ. ނަމަވެސް ޝަކީލް ހައިކޯޓަށް އައްޔަނު ކުރެއްވުމާއި ގުޅިގެން މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ނަދީމް ގާޒީ ވަނީ މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައެވެ.
މި މައްސަލައިގައި ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީވެ އިފްތިތާޙީ ބަޔާންވެސް އިއްވާފައިވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ހެކިބަސް ނެގުންކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.
މި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެއް ފާއިތުވި ދުވަސްތަކުގައި ތާވަލު ކުރެވިފައިވީނަމަވެސް އެ އަޑުއެހުންތައް ކުރިއަށް ގެންދެވިފައިނުވާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މައްސަލަ ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ދިފާއުންވެސް ބުނެފައިވަނީ އެހެންނެވެ.
ގާޒީ ވިދާޅުވީ، މި މައްސަލަ ކުރިއަށް ގެންދަވާނީ އެންމެ ފަހުން މައްސަލަ ބެއްލެވި ގާޒީ ނިންމަވާފައިވާ ހިސާބުން ކަމަށެވެ. ވުމާއެކު، ދެން އޮންނާނީ މި މައްސަލައިގެ ހެކިބަސް ނެގުމެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަ ފަރާތްތަކެއްކަމަށްވުމާއެކު، ވީހާވެސް އަވަހަށް މި މައްސަލަ ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިންމަވާލެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
މި މައްސަލަ އަވަަހަށް ކުރިއަށް ގެންދިއުމަށްޓަކައި 27 މެއި ވާ ހޮނިހިރު ދުވަހު އަޑުއެހުމެއް ތާވަލު ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް އެއީ ހަފްތާ ބަންދުކަން ފާހަގަ ކުރައްވައި ބައެއް ދިފާއީ ވަކީލުން ވަނީ އެކަމަށް އިއުތިރާޒު ކުރައްވާފައެވެ.
މި މައްސަލައިގެ ވަކީލުންނާއި ދައުވާލިބޭ ފަރާތްތަކާ އިތުރަށް ވާހަކަ ދެއްކެވުމަށްފަހު ގާޒީ ވިދާޅުވީ، އެ ދުވަހު ހެކިބަސް ނެގުމުގެ އަޑުއެހުން އޮންނާނެ ކަމަށެވެ.