ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2023ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަޤްރީރު ކުރައްވާފައެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ، ބަންގްލަދޭޝްގެ އައު ރައީސްގެ މަޤާމާއި މުޙައްމަދު ޝަހާބުއްދީން ހަވާލުވެވަޑައިގެންވުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ތަޙްނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް 45 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.ދިވެހިރާއްޖެއިން ބަންގްލަދޭޝްއާއެކު ސިޔާސީ ގުޅުން ޤާއިމްކުރައްވާފައި ވަނީ، 22 ސެޕްޓެމްބަރު 1978ގައެވެ.