ކ. މާލެ
|
16 މެއި 2023 | އަންގާރަ 08:01
ހުޅުމާލެ މަގުމަތި
ހުޅުމާލެ މަގުމަތި
ރާއްޖެއެމްވީ
އަރބަންކޯ
ހުޅުމާލޭ މަގުތަކުގައި ޑިވައިޑަރު ހަރުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ
ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާއި ގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފައި

މަގުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމަށް ހުޅުމާލޭގެ މަގުތަކުގައި ޑިވައިޑަރު ހަރުކޮށް، ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން އަރބަންކޯއިން ނިންމައިފިއެވެ.

އެ ކުންފުނިން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާއި ގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ފުލުހުންނާއި ގުޅިގެން މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް ދުއްވާ އުޅަނދުތަކުގައި އުޅޭ ފަރާތްތަކާއި ހިނގާފައި އުޅޭ ފަރާތްތަކަށް ފަސޭހަ، އަދި ރައްކާތެރި ގޮތްތަކެއް ހޯދައިދިނުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ގަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަރބަންކޯއިން ބުނި ގޮތުގައި ވަގުތުން ގެނެވެން ހުރި ބަދަލުތައް ދެނެގަނެ، އެކްސިޑެންޓް ނުވަތަ ހެޑް އޮން ކޯލިޝަން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރަން މިހާރު ވަނީ ނިންމާފައެވެ. މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގައި ފަރާތްތައް ގަވާއިދާއި އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިކަން އަންގައިދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ޑިވައިޑަރު ހަރުކުރުމުގެ އިތުރުން ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓުތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން، ހުޅުމާލޭގެ 2 ސަރަހައްދެއްގައި ލައިޓް ހަރުކޮށް ޓެސްޓިންގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މި ލައިޓްތައް ހުޅުމާލޭގެ ކާރު ބާރު ބޮޑު ޖުމްލަ 8 ސަރަހައްދެއްގައި ހަރުކުރާނެ ކަމަށް އަރބަންކޯއިން ބުންޏެވެ.

މީގެ އިތުރުން ހުޅުމާލޭގެ މަގުތަކުގެ ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުންގެ އިދާރާއާއެކު މަޝްވަރާކޮށް އެކަމުގެ މަސައްކަތްތައް ވެސް ކުރެވެމުދާ ކަމަށާއި އެގޮތުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލުކޮށް ވީހާވެސް ރައްކާތެރި ގޮތްތަކެއް އަދި އާއްމުންނަށް ފަސޭހަ ވާނެ ގޮތްތަކެއް މި މަސައްކަތްތަކުގެ ތެރެއިން ބަލައި އެ ބަދަލުތައް ގެނެވޭނެ ކަމަށް އަރބަންކޯއިން ބުންޏެވެ.

އަރބަންކޯ އިން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލެ އަކީ ރައްކާތެރި މާހައުލަކަށް ހެދުމަށެވެ.

- ކޮމެންޓް