ކ. މާލެ
|
15 މެއި 2023 | ހޯމަ 08:29
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީގެ މަސައްކަތުން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ބޭރުވިޔަނުދީ ހިފެހެއްޓިއްޖެ
 
މިދިޔަ އަހަރު އެމްޓީސީސީއަށް 2.47 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ
 
އެމްޓީސީސީން އެކި މަރުހަލާތަކުގައި 140 ޕްރޮޖެކްޓު ހިންގަމުންދޭ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މަސައްކަތުން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުން ރާއްޖެއިން ބޭރުވިޔަނުދީ ހިފެހެއްޓިފައިވާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ މި ސަރުކާރު ހަވާލުވުމުގެ ކުރިން އެމްޓީސީސީން އެއްފަހަރާ ހިންގަމުން ގޮސްފައިވަނީ ގާތްގަނޑަކަށް 25 ވަރަކަށް ޕްރޮޖެކްޓު ކަމަށެވެ. އޭރު ރާއްޖޭގައި ހިންގި ބާކީ ޕްރޮޖެކްޓުތަކަކީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާ ޕްރޮޖެކްޓުތައް ކަމަށާއި، މީގެ ސަބަބުން ބޭރު ފައިސާ ރާއްޖެއިން ބޭރުވި މިންވަރު އިތުރުވި ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް މި ސަރުކާރު ހަވާލުވެ. އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކޮށް ކުރި މަސައްކަތުން މިއަދު އެކުންފުނިން އެކި މަރުހަލާތަކުގައި 140 ޕްރޮޖެކްޓު ހިންގަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އަންދާޒާތަކަށް ބަލާއިރު ހަމައެކަނި އެމްޓީސީސީގެ މަސައްކަތްތަކުން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ރާއްޖޭގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ކުންފުނީގެ ކެޕޭސިޓީ އަދިވެސް އިތުރުކުރަންޖެހޭ ކަމަށެވެ.

މިހާރު އެމްޓީސީސީއަށް ލިބޭގޮތަށް އަބަދުވެސް އެއްބާރުލުން ލިބޭނަމަ ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމުގެ އެއްވެސް ޝައްކެއް ނެތް
ސީއީއޯ އާދަމް އާޒިމް

ފާއިތުވި އަހަރުވެސް އެމްޓީސީސީއަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ. މިގޮތުން 2.47 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ އެކުންފުނީގެ ތާރީޚުގައިވެސް ލިބުނު އެންމެ ބޮޑު އާމްދަނީ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ.

ރިޕޯޓު ދައްކާ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވަނީ ކޮންޓްރެކްޓިންގ އެންޑް ޑްރެޖިންގެ ދާއިރާއިންނެވެ. އެ ދާއިރާއިން އެކަނިވެސް ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެ ދާއިރާގެ އިތުރުން ޓްރޭޑިންގ އިން 297 މިލިއަން ރުފިޔާ ލިބުނުއިރު ޓްރާންސްޕޯޓުން 110 މިލިއަން ރުފިޔާ އަދި އިތުރު ވިޔަފާރިތަކުން 24 މިލިއަން ރުފިޔާ ވަނީ ލިބިފައެެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އާމްދަނީ ރެކޯޑު އަދަދަކަށް އަރާފައިވާއިރު މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ފައިދާ ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން، 2021 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 319 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 324 މިލިއަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 1.5 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް