ހުޅުމާލޭގައި އެޑިއުކޭޝަނަލް އިންސްޓިޓިއުޓެއް ގާއިމުކުރުމަށް އަރބަންކޯއިން ބަޔަކާ ހަވާލުކޮށްފިއެވެ.
އެ ކުންފުނިން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އާދީއްތަ ދުވަހު އަރބަންކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެޓަރު އަހުމަދު އާތިފުއެވެ. އަދި އަލް މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަހުސަނެވެ.
އަރބަންކޯއިން މައުލޫމާތު ދޭ ގޮތުގައި މި އިންސްޓިޓިއުޓް ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް އެ ކުންފުނިން ހާމަކޮށްފައި ނުވެއެވެ.
ހުޅުމާލޭގައި އިތުރުވަމުންއަންނަ އާބާދީއާއެކު ގިނަ އަދަދެއްގެ ޚިދުމަތްތަކެއް އެތަނުން ފޯރުކޮށްދިނުމަށް އަރބަންކޯއިން އަންނަނީ ތަފާތު ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ތައުލީމާއި ކުޅިވަރާއި މުނިފޫހިފިލުވުން ފަދަ ދާއިރާތަކުން ގިނަ އަދަދެއްގެ މަސައްކަތްތައް މިހާރު ވެސް ހުޅުމާލޭގައި ދަނީ ކުރަމުންނެވެ.
ހުޅުމާލޭގައި އެޑިއުކޭޝަނަލް އިންސްޓިޓިއުޓެއް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ އަލް މަދީނާ ޕްރައިވެޓް ލިމިޓެޑަކީ މިހާރުވެސް ތަޢުލީމު ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، އެ ކުންފުނީގެ ދަށުން ޢިލްމް އިންސްޓިޓިއުޓުގެ ނަމުގައި އިސްލާމީ ތަމްރީނު ދޭ ތަނަކާއި ކޮއްކޮމެންގެ ޕްރީ ސްކޫލުގެ ނަމުގައި ޕްރީ ސްކޫލެއް އަންނަނީ ހިންގަމުންނެވެ.