ކ. މާލެ
|
15 މެއި 2023 | ހޯމަ 07:54
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ކްރިމިނަލް ކޯޓު
ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު 18،000ރ. އިން ޖޫރިމަނާކޮށްފި
ކުށް ސާބިތުވެފައިވަނީ ހެކިވެރިންގެ ހެކިބަހުންނާއި މެޑިކަލް ރިޕޯޓުން
ދައުވާއަށް ފުލުސް މީހާ އިންކާރު ކުރޭ
ތިން މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކަން ޖެހޭ

ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު، 18،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު އައްޑޫ ސިޓީ ފޭދުގައި ކުޑަކުއްޖެއްގެ ކަންކަށިމަތީގައި ފުލުހަކު ޖެހުމުން ދައުލަތުން އެ ފުލުސް މީހާގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމެކެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ލ. ހިތަދުއަށް އުފަން ފުލުހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ ފުލުސް މީހާ ދައުވާއަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އޭނާ އެކަމަށް އިންކާރު ކުރިނަމަވެސް، ހެކިންގެ ހެކިބަހަށް ބަލާއިރު މަގުމަތީގައި ހުރި ރިފްލެކްޓަރެއްގައި އެ ކުއްޖާ ޖެހުމުން، ފުލުސް މީހާ އެ ކުއްޖާގެ ގައިގައި ޖެހިކަން އެނގޭ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

Advertisement

މީގެ އިތުރުން އެ ހާދިސާ ހިނގުމާއެކު އެ ކުޑަކުއްޖާއަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތައް މެޑިކަލް ލިޔުންތަކުން އެނގެން އެބައޮތް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ދޭން ނިންމީ ފުލުސް މީހާ އެގޮތަށް އެދުމުންނެވެ. އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްފައިވަނީ އޭނާއަކީ ވަޒީފާއެއްގައި ހުރި މީހަކަށް ވާތީއާއި އޭނާގެ މައްޗަށް ކުރިން އެހެން ކުށެއް ސާބިތުވެފައި ނުވުމުގެ އިތުރުން ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ނުވާތީއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އެ ފުލުސް މީހާ 18،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު އެ ފައިސާ ތިން މަސް ތެރޭގައި ދައުލަތަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް