Advertisement
ކ. މާލެ
|
9 މެއި 2023 | އަންގާރަ 09:03
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
މޮނިކޮން އަމުރު
މޮނިކޮން އަމުރާ ޚިލާފުވި މީހަކު 6 މަހަށް ގޭބަންދު ކުރުމަށް ޙުކުމްކޮށްފި
އޭނާއަކީ ހުޅުމާލޭގައި ޓޫރިސްޓުންނަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ދައުވާ ނުކުރެވި ދޫވި މީހުންގެ ތެރެއިން މީހެއް
މި މައްސަލައިގައި ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމެއް
6 މަހާއި 29 ދުވަހަށް އޭނާ ގޭ ބަންދު ކުރުމަށް ވަނީ ޙުކުމް ކުރައްވާފައި

މޮނިކޮން އަމުރާ ޚިލާފުވި މީހަކު 6 މަހަށް ގޭބަންދު ކުރުމަށް ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ތ ތިމަރަފުށި ގާޑަންހައުސް އަހުމަދު ރިޝްވާނުގެ މައްޗަށެވެ.

އޭނާއަކީ ހުޅުމާލޭގައި ޓޫރިސްޓުންނަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ދައުވާ ނުކުރެވި ދޫވި މީހުންގެ ތެރެއިން މީހެކެވެ.

އޭނާގެ މައްޗަށް ހައިކޯޓުން ނެރެފައިވާ މޮނިކޮން އަމުރުގައި އަންގާފައިވަނީ ރޭގަނޑު 08:30ން ފެށިގެން ހެނދުނު 05:00 އާ ހަމައަށް ބޭރަށް ނުދިއުމަށެވެ. ނަމަވެސް އޭނާ އެ އަމުރާ ޚިލާފުވެފައިވާތީ، ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފައެވެ.

ދައުލަތުން މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ މޮނިކޮން އަމުރަކާ ޚިލާފު ވުމުގެ ކުށުގެ ދައުވާއެވެ.

އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެގޮތުން އޭނާ މޮނިކޮން އަމުރު އޮއްވައި ގެއިން ބޭރަށް ނުކުތްކަމަށް ވަނީ އެއްބަސްވެފައެވެ.

Advertisement

އޭނާ އިއުތިރާފުވެފައިވާތީ މި މައްސަލައިގައި ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމެކެވެ.

މި ކުށަށް ކަނޑައެޅޭނެ އަދަބަކީ 18 މަސް ދުވަހަށް ގޭބަންދު ކުރުން ނުވަތަ ޖަލަށް ލުމެވެ. ނަމަވެސް އޭނާ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާތީ ދައުލަތުން ވަނީ އޭނާގެ މައްޗަށް 12 މަސް ދުވަހަށް ގޭބަންދު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ.

އަދި އޭނާ އެ މައްސަލައިގައި ބަންދުގައި ހޭދަކުރި 5 މަހާއި 1 ދުވަސް އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބުން އުނިކޮށްދިނުމަށްވެސް އެދިފައިވެއެވެ.

ދެފަރާތުން ދެއްކެވި ވާހަކައަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ މޮނިކޮން އަމުރަކާ ޚިލާފުވުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އިއުތިރާފާއި އޭނާ ބަންދުގައި ހުރި މުއްދަތަށް ރިއާޔަތްކޮށް 6 މަހާއި 29 ދުވަހަށް އޭނާ ގޭ ބަންދު ކުރުމަށް ޙުކުމް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި ޙުކުމް ކުރެއްވީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

2020 ވަނަ އަހަރު ފަތުރުވެރިންތަކަކަށް ޙަމަލާ ދީފައިވާއިރު، އެ ޙާދިސާގައި ހުޅުމާލޭގައި 3 ބިދޭސީއަކަށް ވަނީ ޙަމަލާ އަމާޒުވެފައެވެ. އެއީ ޗައިނާ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ޗައިނާ މީހަކާއި، އަދި ރާއްޖޭގައި މަސައްކަތް ކުރަމުންދާ އޮސްޓްރޭލިއާ މީހަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް