ކ. މާލެ
|
5 މެއި 2023 | ހުކުރު 07:15
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިން
"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިނުގެ ސަބަބުން ފަތުރުވެރިކަން ބާރަށް ކުރިއަށް ދިއުމަށް މަގުފަހިވާނެ: ނާއިބު ރައީސް
ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދެވޭނެ
ދުނިޔޭގެ އެތައްހާސް ބައެއްގެ ސަމާލުކަން ލިބޭނެ
މި ކެމްޕެއިނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއް

"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަން ބާރަށް ކުރިއަށް ދިއުމަށް މަގުފަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއީ ފަތުވެރިކަމުގެ މަތީފަންތީގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓްކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަދި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރިޔަށްގެންދާ ތިންވަނަ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިނެވެ. މި ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މި ކެމްޕެއިނަށް ތައުރީފުކުރައްވާފައެވެ. އެގޮތުން މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދު ބާރަށް ކުރިޔަށް ދިއުމަށް މަގުފަހިވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، ނާއިބު ރައީސް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި ނަން މަޝްހޫރު ގައުމެއް ކަމަށާއި، ރާއްޖެއިން އަދާކުރާ ފުރިހަމަ މެހުމާންދާރީ ފާހަގަކުރެވިގެންދާކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަކަށް ވެގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ފަތުރުވެރިންނާ މެދު ބަހައްޓާ ގާތް ރަހްމަތްތެރިކަމާއި އަދާކުރާ މެހުމާންދާރީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިންގެ ސަބަބުން އަދި މިހާރަށްވުރެ އިތުރަށް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ނިސްބަތަށް އަލިއަޅުވާލައްވައި ނާއިބު ރައީސް ވިދާޅުވީ މިއަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބައިލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، އެއީ ރިކޯޑް އަދަދެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު އެއީ 12.6 އިން ސައްތައިގެ ކުރިއެރުމެއް ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަނެވި ފަތުރުވެރިކަން ކުރިއެކޭ އެއްގޮތަށް އަލުން އިއާދަވުމުގައި ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކުގެ އިތުރުން، ދުނިޔޭގެ އެތައްހާސް ބައެއްގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ. ބޭންކް އޮފް މޯލްޑިވްސްއާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރެވޭ މި އީޖާދީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެކި ގިންތިތަކަށް ވާސިލުވެ، ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދެވޭނެކަން ޔަގީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން 100 މިލިއަން މީހުންނާ ހަމައަށް ވާސިލުވުމަށް އަމާޒުހިފައިގެން ކުރިއަށްގެންދާ މިކެންޕެއިން، އެދެވޭ މިންވަރެއްގެ ގިނަ ބަޔަކާއި ހަމައަށް ވާސިލުވާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ރިޒޯޓްތަކާއި ގެސްޓްހައުސްތަކާއި އަދި ގެސްޓްހޮޓާ ފަދަ ތަންތަން ހިމެނޭގޮތަށް، މިއަހަރު މި ކެމްޕެއިނުގައި ބައިވެރިވާ 40 ވިޔަފާރިއަކަށް މި ކެމްޕެއިނާއެކު ފަހިވެގެންދާނެ މުހިންމު ފުރުސަތުތަކަށް ވެސް އަލިއަޅުވާލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް