މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދެކުނު އިރުމަތީ އޭޝިޔާގެ މަޝްހޫރު ލަގްޒަރީ ލައިފްސްޓައިލް ޑިޖިޓަލް ޕަބްލިކޭޝަނެއް ކަމަށްވާ ރޮބް ރިޕޯޓާއެކު މީޑިއާ ކެމްޕޭނެއް ފަށައިފިއެވެ.
ރޮބް ރިޕޯޓަކީ 220 މިލިޔަނަށް ވުރެ ގިނަ ކިޔުންތެރިންނަށް ފޯރާ ޑިޖިޓަލް ޕަބްލިކޭޝަނެކެވެ. މި އަހަރުގެ މެއި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ މަގްސަދަކީ ދެކުނު އިރުމަތީ އޭޝިޔާ މާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް، ރާއްޖޭގެ ބްރޭންޑް ހަރުދަނާކުރުމެވެ. މި ގޮތުން މި ކެންޕޭނުން ޓާގެޓް ކުރަމުންދަނީ ހާއްސަކޮށް މި މާކެޓުގެ މަތީ ފަންތީގެ ތަނަވަސް ފަރުތުވެރިންނަށެވެ.
އެމްއެމްޕީއާރުސީއާއި ރޮބް ރިޕޯޓުން ކުރިއަށްގެންދާ މި ކެމްޕޭންގެ ދަށުން ރޮބް ރިޕޯޓުގެ ފަރާތުން ދެ ޕްރިންޓް އެޑްވަޓޯރިއަލްއަކާއި ހަ ސިންގަލް ޕޭޖް ޕްރިންޓް އިޝްތިހާރު ހަދާނެއެވެ. އަދި ކެންޕޭނުގެ ތެރޭގައި ދެ ޑިޖިޓަލް އެޑްވަޓޯރިއަލް ހެދުމާއި ރޮބް ރިޕޯޓް ވީކްލީގެ ދެ އީޑީއެމް ފީޗަރ ފޮނުވުމާއި ދެ ވެބް ޑިސްޕްލޭ ބެނަރވެސް ހިމެނެއެވެ. މީގެ އިތުރުން، ސަނީ ސައިޑް އޮފް ލައިފްއިން ފަތުރުވެރިންނަށް ޙާއްސަ ތަފާތު ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކަށް އަލިއަޅުވާލާ ސޯޝަލް މީޑިއާ ޕޯސްޓްތަކެއް ރޮބް ރިޕޯޓުން ތައްޔާރުކޮށް ޝާއިއުކުރާނެއެވެ. މި އެޑްވަޓޯރިއަލްތަކާއި އިޝްތިހާރުތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގެ ޖުމްލަ ރީޗް 180،000 އަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖެއާ ކައިރީގައިވާ ދެކުނު އިރުމަތީ އޭޝިޔާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު އަދި ގިނަގުނަ ފައިދާތަކާއި ފުރުސަތުތައް ހުރި މާކެޓެކެވެ. އެހެންކަމުން އެމްއެމްޕީއާރުސީއިން ދަނީ މި ސަރަޙައްދަށް އަމާޒުކޮށް ތަފާތު ގިނަ މާކެޓިންގ ހަރަކާތްތައް ހިންގަމުންނެވެ. މީގެ ތެރޭގައި އޮންލައިން ތަމްރީން ކުރުމުގެ އީ-ލާނިންގ ޕްރޮގްރާމަކާއި ޓްރެވަލް+ލެޝަރ އާއެކު ކުރިއަށްދާ ޖޮއިންޓް މާކެޓިންގ ކެންޕޭނު ފާހަގަކޮށްލެވެއެވެ. މި އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ތައިލެންޑުގެ މީޑިއާ ޓީމަކަށް ފެމިލިއަރައިޒޭޝަން ދަތުރެއް ކުރިއަށް ގެންދިޔުމާއި ދެކުނު އިރުމަތީ އޭޝިއާގައި ރޯޑްޝޯއެއް ބޭއްވުމުމުގެ އިތުރުން މެލޭޝިއާގައި ބާއްވާ މާޓާ 2023 ފެއަރ އާއި ސިންގަޕޫރުގައި ބާއްވާ އެޑެކްސް އޯޝަން މިޝަންގައި ބައިވެރިވުން ހިމެނެއެވެ.