ކ. މާލެ
|
2 މެއި 2023 | އަންގާރަ 07:52
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
ރާއްޖެއެމްވީ
މެންބަރު ޒަރީރުއަށް ހަމަލާ ދިނުން
މެންބަރު ޒަރީރަށް ދިން ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފި
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން
މެންބަރު ޒަރީރަށް ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް
ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް މައުލޫމާތު ލިބޭ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހޯމަ ދުވަހު ދިން ހަމަލާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ މެންބަރު ޒަރީރަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް އެ ނުރައްކާތެރި ކުށް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ ޕާޓިން ވަނީ ގޮވާލައިފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މެންބަރު ޒަރީރަށް ޙަމަލާ ދިންކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ހޯމަ ދުވަހުގެ ހެނދުނު 05:08 ހާއިރުއެވެ. އަދި ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ކަމަށާއި އޭނާއަށް ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހަމަލާ ދިނީ ކޮން ބައެއްކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

"ރާއްޖެ ޓީވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ހަމަލާ ދީފައިވަނީ ޖީއެން ސައިކަލެއްގައި އައި ބައެކެވެ.

މި ހަމަލާއާ ގުޅިގެން ޒަރީރަށް ލިބުނު އަނިޔާއަށް އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ.

- ކޮމެންޓް