ކ. މާލެ
|
1 މެއި 2023 | ހޯމަ 09:57
ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖޮޓާ ޖަހަނީ
ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖޮޓާ ޖަހަނީ
ރޮއިޓާރސް
އިނގިރޭސި ޕްރިިމިއާ ލީގު
ފަހު ވަގުތު ލިވަޕޫލް މޮޅުކޮށްދިނީ ޖޯޓާ
މެޗު ފަށައިގެން ފުރަތަމަ 15 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ތިން ލަނޑު ޖަހައި މުޅި މެޗުގެ ކޮންޓްރޯލް ހޯދައިފައި

ފަހު ވަގުތު ޑިއޯގޯ ޖޮޓާ ޖެހި ލަނޑާއެކު ލިވަޕޫލް އިން ޓޮޓެންހަމް ބަލިކޮށްފި އެވެ.

ލިވަޕޫލްގެ އެންފީލްޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗު ފަށައިގެން ފުރަތަމަ 15 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ތިން ލަނޑު ޖަހައި މުޅި މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ކާޓިސް ޖޯންސް އެވެ. އެއީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ލުއިޒް ޑިއާޒް އެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު މިސްރުގެ ފޯވާޑް މުޙައްމަޔު ޞަލާޙު ޖެހީ 15 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ ގަކްޕޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމުން ވަނީ ލަނޑެއް ޖަހައިފަ އެވެ. އިވާން ޕެރިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ހެރީ ކޭން އެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 77 ވަނަ މިނެޓުގައި ޓޮޓެންހަމަށް އިތުރު ލަނޑެއް ޖަަހައި، ފަރަގު އެއް ލަނޑަށް ކުޑަކޮށްދިނީ ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. އެއީ ކްރިސްޓިއަން ރޮމޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތިން ވަނަ މިނެޓުގައި ސޮން ހެއުން މިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިޗާލިސަން އެވެ. އޭގެ މިނެޓެއް ފަހުން ޖޮޓާ ވަނީ މެޗުން ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު ލިވަޕޫލުން ވަނީ ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ކުޅުނު 33 މެޗުން 56 ޕޮއިންޓާއެކު އެވެ. ލިވަޕޫލްގެ ފަހަތުން ހަ ވަނައިގައި ޓޮޓެންހަމް އޮތީ 54 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި، ލިވަޕޫލާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގު އެބަ އޮތެވެ.

- ކޮމެންޓް