އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ އިންޖިނިއަރިންގ އަދި އާކިޓެކްޗަރ ޕްރޮގްރާމްތައް އެކްރެޑިޓްކުރުމާއި ސަނަދުތައް ގަބޫލުކުރުމުގައި އެއްވެސް ވަރަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުން ބަލައިގަނެވެން ނެތް ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން ބުނެފިއެވެ.
އެމްކިޔުއޭއިން ބުނީ 24 އޮގަސްޓް 2022 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައިވާ އީ-ލަރނިންގ ގައިޑްލައިންގައި، އެ ދާއިރާގެ ގާނޫނީ ބާރު ލިބިފައިވާ ކައުންސިލްތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުން އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުމަށް ވަކި ގޮތަކަށް ހުއްދަ ނުދޭހާ ހިނދަކު، އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެ ކަމަށް މިހާތަނަށް ކަނޑައަޅާފައިވާ 8 ދާއިރާގެ ތެރޭގައި އިންޖިނިއަރިންގ އަދި އާކިޓެކްޗަރ މި ދެ ދާއިރާ ހިމެނޭ ކަމަށެވެ.
އިންޖިނިއަރިންގ އަދި އާކިޓެކްޗަރ ޕްރޮގްރާމްތަކަކީ ޓެކްނިކަލް އަދި ފިޒިކަލް ހަރަކާތްތަކެއް އެކުލެވިގެންވާ ޕްރޮގްރާމްތަކަކަށް ވުމާއި، އާންމުގޮތެއްގައި މި ޕްރޮގްރާމްތަކަކީ އޮންލައިންކޮށް ކިޔަވައިދޭ ޕްރޮގްރާމްތަކަކަށް ނުވާތީ އެއްވެސް ވަރަކަށް މި ޕްރޮގްރާމްތައް އަދި ޕްރޮގްރާމްތަކުގެ ވަކި މޮޑިއުލް އަދި މޮޑިއުލެއްގެ ބައެއް ވެސް އަދި ވަކި ލެވެލްއެއްގެ ޕްރޮގްރާމެއް އީ-ލަރނިންގ މޮޑަލިޓީގެ ދަށުން ކިޔަވައި ދިނުމަށް މިވަގުތު ނުފެންނަ ކަމަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުމާ ބެހޭ ގޮތުން އެ ދާއިރާގެ ރެގިއުލޭޓަރީ އިދާރާ ކަމުގައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ގައިޑްލައިންސް ފޯރ އީ-ލަރނިންގގައި އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ އިންޖިނިއަރިންގ އަދި އާކިޓެކްޗަރ މި ދެ ދާއިރާގެ ޕްރޮގްރާމްތައް އެކްރެޑިޓްކުރުމާއި ސަނަދުތައް ޤަބޫލުކުރުމުގައި އެއްވެސް ވަރަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުން ބަލައިގަނެވެން ނެތް ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނެއެވެ.