ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 13:53
ނ. މަނަދޫ
ނ. މަނަދޫ
ސޯޝަލް މީޑިއާ
ނައީމާގެ މަރުގެ މައްސަލަ
ނައީމާގެ މަރާ ގުޅިގެން އެރަށު ބައެއް މީހުންގެ ފިންގަރ ޕްރިންޓް ނަގަނީ
މި މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި
މިވަގުތު ސާމްޕަލް ނަގަމުން ގެންދަނީ އެއްވެސް މީހަކާމެދު ތުހުމަތެއް އޮވެގެންނެއް ނޫން

ނ. މަނަދޫގައި، އަނިޔާތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރާގުޅިގެން އެ ރަށު ބައެއް މީހުންގެ ފިންގަރޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގަން ފަށައިފިއެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު ރާއްޖެއެމްވީއަށް ކިޔައިދިންގޮތުގައި، ނައީމާގެގޭ ކައިރީގައި އުޅުނު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށާއި، ނައީމާ ދިރިއުޅޭ ގެއަށް އޭނާ ހޯދުމަށް ދިޔަ ބައެއް މީހުންގެ ހަށިގަނޑުގެ ޑީއެންއޭ ސާމްޕަލްވެސް ނަގާފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މިހާރުވެސް ފުލުހުންގެ ޓީމުން ދަނީ ވަރުގަދަ ތަހުގީގެއް އެ ރަށުގައި ހިންގަމުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކައުންސިލުން މިހާރު ވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން، ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނެގުމަށް ފުލުހުން ބޭނުންވާތީ، ރައްޔިތުން އެކަމުގައި އެއްބާރުލުން ދިނުމަށް އެދިފައެވެ. ކައުންސިލުން މައުލޫމާތު ދޭގޮތުގައި މިވަގުތު ސާމްޕަލް ނަގަމުން ގެންދަނީ އެއްވެސް މީހަކާމެދު ތުހުމަތެއް އޮވެގެންނެއްނޫނެވެ.

ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެގެން ފުލުހުންނަށް ރިޕޯޓްކުރީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެ ގެއަށް ވަނީ، އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެއެވެ. 

ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މި މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލިޖިސްޓް ނިންމުމުން ހަށިގަނޑު ވަނީ ވަޅުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް