ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 12:05
ވަގު ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލާގައި އިންޓަޕޯލްގެ އެހީ ހޯދަނީ
ވަގު ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލާގައި އިންޓަޕޯލްގެ އެހީ ހޯދަނީ
ޕޮލިސް
ވަގު ޓީޓީ ފޮނުވި މައްސަލަ
ވަގު ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލަ: ޝިފާއު 30 ދުވަހަށް ބަންދު
އޭނާގެ މައްޗަށް ދައުލަތުން 23 ދައުވާއެއް ހުށަހަޅާފައިވޭ
ހެކިތަކަށް ބަލާއިރު، އޭނާގެ ސީދާ ބައިވެރިވުން އެކަމުގައި އެކުލެވޭކަމަށް ބެލެވޭ

ވަގު ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން ބޭރުގެ އެކި ވިޔަފާރިވެރިން އަތުން މުދާ ގަތްކަމަށް ތުހުމަތުކޮށް، ދައުވާ އުފުލާފައިވާ ހުސައިން ޝިފާއު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޙުސައިން ޝިފާއުގެ މައްޗަށް ދައުވާކުރަނީ އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރުގެ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެގޮތުން އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އޭނާގެ ސީދާ ބައިވެރިވުން އެކަމުގައި އެކުލެވޭކަމަށް ބެލެވޭކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، އޭނާގެ މައްޗަށް ދައުލަތުން 23 ދައުވާއެއް ހުށަހަޅާފައިވާއިރު، އޭނާގެ އެނޫންވެސް އިތުރު ހައްޔަރު އަދި ބަންދު ރެކޯޑު ހުރިކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ، ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާއާއި، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ 7 ދައުވާއާއެކު، ޖުމްލަ 23 ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހުސައިން ޝިފާއު މިކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އެގޮތުން މި މައްސަލާގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އައްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) ރުފިޔާއެވެ. މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް