ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 15:13
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ރައީސް އޮފީސް
ޗާގޯސްގެ މިލްކުވެރިކަން
"ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް އަޑުއުފުލުމުގެ ފަހު ފުރުސަތު ޔާމީންގެ ސަރުކާރަށް ލިބި، އަޅާނުލާ ތިބީ"
ތާރީހީ ޓައިމްލައިނަށް ބަލާއިރު، ޗާގޮސް އަކީ ރާއްޖޭގެ ތަނެއްކަމަށް ބުނަން ލިބުނު އެންމެ ފަހު ފުރުސަތު ލިބުނީ 2017 ގައި
ރައީސް ނަޝީދުގެ ވެރިކަމުގައި އދ އަށް ހުށަހެޅި ޗާޓު ކުރެހިފައި އޮތް އިރު، ޗާގޯސް އެއީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ނެތް
2017 ގައި އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންއަކަށް އެހުމަށް ރާއްޖެއިން ވޯޓު ދިނީ ދެކޮޅަށް

"ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް އަޑުއުފުލުމުގެ ފަހު ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ލިބި މި މައްސަލައަށް ތަދައްހަލުވެފައިނެތް ކަން ހާމަވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެކި ސަރުކާރުތަކުން ޗާގޮސް މައްސަލައިގައި ކޮށްފައި ހުރި މަސައްކަތްތަކާއި ގުޅޭ ތަފްސީލު ހާމަކުރައްވާފައެވެ. ޝާހިދު ވިދާޅުވީ އާންމު ރައްޔިތުންނަށް އޮޅޭގޮތަށް އިދިކޮޅު ފަރާތްތަކުން މޮރިޝަސްގެ ސިޔާދަތީ ހައްގު އޮތް ޗާގޯސްއާއި ބެހޭގޮތުން ވާހަކަ އެބަދައްކާ ކަމަށެވެ.

އެހެންނަމަވެސް ދިވެހިރާއްޖެއިން އެއްވެސް އިރެއްގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. ރާއްޖޭގެ ގާނޫނު އަސާސީތައް އެހުރީ ފެންނަން ކަމަށާއި، ރާއްޖޭގެ ސިޔާދަތީ ބާރު ކަނޑައެޅިގެން ލިބިފައި ހުރި ސަރަހައްދު އެނގެން އެބައޮތް ކަމަށެވެ. އަދި 1932 ވަނަ އަހަރުން ފެށިގެން ގާނޫނު އަސާސީ ލިޔެވެން ފެށުނީއްސުރެ އެވާހަކައެއް ނެތް ކަމަށެވެ.

ޝާހިދު ވިދާޅުވީ ކުރީގެ ޒަމާންތަކަށް ބަލާއިރުގައި ވެސް އެވާހަކައެއް ނެތް ކަމަށެވެ.

އަޅުގަނޑުމެން ތަންކޮޅެއް ފަހަތަށް ޖެހިލައިފިއްޔާ، 1965 ގައި ދިވެހިރާއްޖެ މިނިވަން ދައުލަތަކަށް ވީއިރު، އެ ދެކެވުނު ވާހަކަތަކުގައި ވެސް އަދި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރުގައި ވެސް ޗާގޯސް އެއީ ރާއްޖޭގެ ބައެއްކަމަށް ބަލައިގެން ކުރެވިފައި ހުރި އެއްވެސް މަސައްކަތެއް ނެތް. އަޅުގަނޑުމެންނަށް ދެން ފެންނަން ހުރީ 1992 ގައި ރައީސް މައުމޫންގެ ރިޔާސީ ދައުރުގެ ތެރޭގައި އިނގިރޭސި ވިލާތާއި ރާއްޖެއާއި ދެމެދު ބައްދަލުވުންތަކެއް ބޭއްވިފައި އޮތް، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ސޮއިކުރެވިފައި އެބަހުރި. އެ ލިޔެކިޔުންތަކެއް ފެންނަން ހުރި ގޮތުގައި ވާހަކަ ދެކެވި އެއްބަސްވެފައިވަނީ ޗާގޯސް އާއި ރާއްޖެއާއި ދެމެދު ހަމަހަމަވާ ގޮތަށް ރޮނގެއް ދަމާ އެއްބަސްވާގޮތަކަށް އެއްބަސްވުމަކަށް އައުމަށް. އެ ލިޔެކިޔުން ދިވެހި ސަރުކާރުގެ އާކައިވްސްގައި އެބަހުރި.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ދެން އޮތް އަނެއް ހަގީގަތަކީ 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖެއިން އދ އަށް ހުށަހެޅީ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފު ގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހުށަހެޅި އިރުގައި ޗާޓު ކުރެހިފައި އޮތް އިރު، ޗާގޯސް އެއީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ނެތް ކަމަށެވެ. އަދި އެ ޗާޓުތައް އދ ގެ އާކައިވްގައި އެބަހުރި ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު، ނަޝީދު މޮރިޝަސް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖޮއިންޓް ކޮމިއުނިކޭގައި މޮރިޝަސްއާއި ރާއްޖެއާއި ގުޅިގެން ޗާގޯސްގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އިނގިރޭސީން އެ ސަރަހައްދުގައި ގާއިމްކޮށްފައި އޮތް، އިންޑިއަން އޯޝަން ޕްރޮޓެކްޓެޑް މެރިޓައިމް ޒޯން އެއީ ދެކޮޅު ހަދަންޖެހޭނެ އެއްޗެއްކަމަށް އެއްބަސްވެފައި އެބައޮތް.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ދެން ފެންނަން އޮތީ 2017 ވަނަ އަހަރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަންއަކަށް މި މައްސަލަ ގެންދިއުމަށް ވޯޓަކަށް އެހި ކަމަށެވެ. އެ ވޯޓުގައި ދިވެހިރާއްޖެއިން ވޯޓުލީ އިދިކޮޅަށް ކަމަށާއި، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

އެހެންނަމަވެސް އައިސީޖޭގައި މި މައްސަލަ ހިނގަމުން ދިޔަ އިރުގައި، ދިވެހިރާއްޖޭގެ ފަރާތުން ޗާގޯސް އެއީ ދިވެހިރާއްޖޭގެ ތަނެއްކަމަށް ބުނެ މި މައްސަލައަށް ތަދައްހަލުވެފައި ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ލިޔެކިޔުންތަކަށް ބަލާއިރު އަދި ތާރީހީ ޓައިމްލައިނަށް ބަލާއިރު، އެއީ ލިބުނު އެންމެ ފަހު ފުރުސަތު، ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ ކޯޓެއްގައި ނުވަތަ ޖަލްސާއެއްގައި ދިވެހިރާއްޖޭގެ ތަނެއްކަމަށް ބުނެ އަޑު އުފުލުމުގެ. އެ ފުރުސަތު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ބޭނުންކޮށްފައި ނެތް. އެއީ އެކަން އެމަގުން ހިނގާފައި މި އެރީ އެއްވެސް ސަރުކާރަކުން ހަގީގަތުގައި ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުނުކުރާތީ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން، އިދިކޮޅުގައި ތިއްބަވާއިރު އިދިކޮޅު ވާހަކަ ދެއްކުން އެއީ ކުރާނެ ކަމެއް ކަމަށެވެ. 2017 ވަނަ އަހަރު ޔާމީންގެ ސަރުކާރުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަން ގައި ގަރާރާ އިދިކޮޅަށް ވޯޓު ދެއްވި ކަމަށެވެ. އަދި 2019 ގައި މި ސަރުކާރުންވެސް ވޯޓު ދިނީ ހަމަ އެގޮތަށް ކަމަށާއި، ވޯޓު ދިނީމަ، މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމުން ޖަލްސާ ބާއްވާފައި ބުނެފައި އޮތީ މޮރިޝަސްއަށް ދެކޮޅަށް ވޯޓުދިނީތީ ސަރުކާރުން މާފަށް އެދެންޖެހޭނޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮވެގެން ކުރާ މަސައްކަތަކީ އަބަދުވެސް އިދިކޮޅު ހެދުން ކަމަށެވެ. އެބޭފުޅުން ވިދާޅުވި ގޮތަށް ކަންކުރިޔަސް އިދިކޮޅު، އަދި އެބޭފުޅުން ކަންކުރެއްވި ގޮތަށް ކަންކުރިޔަސް އިދިކޮޅު ކަމަށެވެ. އެހެންވީމާ އެއްވެސް ހާލެއްގައި، ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި، ޗާގޯސް އޮތްކަމަށް ވެސް އަދި ހޯދަން ވެސް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

- ކޮމެންޓް