ކ. މާލެ
|
28 އޭޕްރިލް 2023 | ހުކުރު 18:50
ގަނާޗޯ (ވ) އާއި ކޯޗު ޓެންހަގް ކޮންޓްރެކްޓްގައި ސޮއިކުރަނީ
ގަނާޗޯ (ވ) އާއި ކޯޗު ޓެންހަގް ކޮންޓްރެކްޓްގައި ސޮއިކުރަނީ
ޑެއިލީ މެއިލް
މެންޗެސްޓާ ޔުނައިޓެޑް
އާޖެންޓީނާ އަށް ދޫނުކޮށް ޔުނައިޓެޑުން ގަނާޗޯގެ ކޮންޓްރެކްޓް އާ ކޮށްފި
އޭނާ ލައްވައި ސޮއިކުރުވީ ފަސް އަހަރަށް

އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެން ހުއްދަނުދީ، މެންޗެސްޓާ ޔުނައިޓެޑް އަލްހެންދްރޯ ގަނާޗޯގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

އުމުރުން 18 އަހަރުގެ މިޑްފީލްޑަރަކީ އަންނަ މަހު އާޖެންޓީނާގައި ފަށާ 20 އަހަރުން ދަށުގެ ވޯލްޑްކަޕުގައި އެ ގައުމުން ކުޅުވަން ބޭނުންވި ކުޅުންތެރިއެކެވެ. މިކަމަށް އެދި އާޖެންޓީނާގެ ކޯޗު ހާވިއާ މަޝެރާނޯ މަޝްވަރާ ކުރުމުން ވެސް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެންހަގް ވަނީ ކުޅުންތެރިޔާ ދޫކުރަން އެއްބަސްނުވެފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މި ސީޒަނުގައި އޭނާ ރަނގަޅު ކުޅުމެއް ދައްކަމުން ދިއުމާއެކު، ޔުނައިޓެޑްގެ ކުރިއަށްހުރި މުހިންމު މެޗުތަކުގައި އޭނާ ލައްވައި ކުޅުވަން ބޭނުންވުމެވެ.

ގަނާޗޯގެ ފަޔަށް ލިބުނު އަނިޔާއިން ރަނގަޅުވިތާ ވެސް އަދި މާގިނަ ދުވަހެއްނުވެ އެވެ. މިއީ ވެސް ޔުނައިޓެޑުން އޭނާ ގައުމީ ޓީމަށް ދޫނުކުރި ސަބަބެކެވެ. ގައުމީ ޓީމަށް ދޫކޮށްފިނަމަ ޕްރެމިއާ ލީގުގައި ބޯނެމައުތު، ޗެލްސީ އަދި ފުލަމްއާއެކު ޔުނައިޓެޑް ކުޅޭ މެޗު އޭނާ އަށް ގެއްލޭނެ އެވެ. އަދި އިނގިރޭސި އެފްއޭކަޕް ފައިނަލް މެޗަށް ވެސް ޔުނައިޓެޑް ނުކުންނަންޖެހޭނީ އޭނާ ނުލަ އެވެ.

ގަނާޗޯ އަކީ އެތްލެޓިކޯ މެޑްރިޑުން ޔުނައިޓެޑަށް ގަތް ކުޅުންތެރިއެކެވެ. ފަސް އަހަރުގެ އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު އޭނާ ބުނީ ޔުނައިޓެޑާއެކު ކުރިއަށްދާން ފުރުސަތު ލިބުމުން އޭނާ އާއި އޭނާގެ އާއިލާއިން ތިބީ ވަރަށް އުފަލުން ކަމަށެވެ.  

"އަހަރެން ޔުނައިޓެޑަށް އައިއިރު ބޭނުންވީ ފުރަތަމަ މެޗު ކުޅެން. ގޯލެއް ޖަހަން. ޓީމު މޮޅުކޮށްދޭން. އެކަންކަންވެ މި ޓީމާއެކު ކުރިއަށްދާން ފުރުސަތު ލިބުމުން އަހަރުމެން މިތީބ ވަރަށް އުފަލުން،"
ގަނާޗޯ ބުންޏެވެ.

ގަނާޗޯ ވަނީ ޔުނައިޓެޑަށް ކުޅުނު 31 މެޗުގައި ފަސް ގޯލު ޖަހައި 6 ގޯލެއް ޖަހަން މަގުފަހިކޮށްދީފަ އެވެ.

- ކޮމެންޓް