ޗަމްޕާ ބްރަދާސް އިން މާލޭގެ ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކަރާ، ބުރާސްފަތި ދުވަހުން ފެށިގެން ބަހަން ނިންމައިފިއެވެ.
މާލޭގެ ރައްޔިތުންނަށް ޗަމްޕާ ބްރަދާސް އިން ވަނީ 15 ޓަނުގެ ކަރާ ހަދިޔާ ކޮށްފައެވެ. މި ކަރާ ބެހުމަށް ހަވާލުކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިހާތަނަށް 10 ޓަނުގެ ކަރާ ވަނީ ލިބިފައެވެ. އަދި އިތުރަށް ވެސް ކަރާ ލިބޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ކަރާ ބެހުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ކަރާ ބަލައި ދާން ޖެހޭނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ކަމަށެވެ. އެގޮތުން ކޮންމެ އައިޑީ ކާޑަކަށް ދެ ކަރާ ދިނުމަށް ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާއި ބެހޭބައިން މާދަމާ ހެނދުނު 09:30 ން 15:00 އަށް، އަދި ރޭގަނޑު 21:30 ން 00:00 އަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށާއި މެންދުރުފަހު 13:00 ން 17:00 އަށެވެ.
ކަރާގެ އިތުރުން ޗަމްޕާ ބްރަދާސް އިން ވަނީ މާލެ ރައްޔިތުންނަށް ބެހުމަށް ކާށި ވެސް ހަދިޔާ ކޮށްފައެވެ. އެގޮތުން 15،000 ކާށި މިހާރު ލިބިފައިވާ ކަމަށާއި އެ ކާށިތައް ވެސް ކަރާ ބަހާ ތާރީހުތަކުގައި ބަހަން ނިންމައިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ ކުރިން ވެސް ޗަމްޕާ ބްރަދާސްއިން ވަނީ ޖުމުލަ 35،000 ކާށި މާލޭ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ.