ހަންކެޑެ މަޝްރޫޢު ފުރިހަމަވާ އިރު ވަޒީފާ ހޯދަން އައްޑޫއިން ފުރައިގެން ދާން ނުޖެހޭނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަންކެޑެ މަޝްރޫޢު ޕްލޭން ކުރެވިފައިވާ ގޮތަށް ނިމޭނެ ކަމާމެދު އައްޑޫގެ ރައްޔިތުން ޝައްކުނުކުރާ ކަަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫގައި ވަޒީފާގެ ފުރުސަތުތައް ނެތުން ފަދަ އެތައް މައްސަލައަކަށް އެ މަޝްރޫޢު ފުރިހަމަވެގެންދާ އިރު ހައްލު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މަޝްރޫއާއެކު އައްޑޫގެ އެހެން ސިނާއަތުތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަަމަށާއި އެކަމުގެ ސީދާ ފައިދާ އައްޑޫ އަށް ކުރާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. ޔަސްރިފް ވިދާޅުވީ މި ދަނޑިވަޅަކީ އައްޑޫ ދޫކޮށް ދިޔަ ޒުވާނުން އައްޑޫ އަށް އަނބުރާ ދާންވީ ވަގުތު ކަމަށާއި އައްޑޫގެ ކުރިމަގު ބިނާކުރެވޭނީ އޭރުން ކަމަށެވެ.
ހަންކެޑެ މަޝްރޫޢު ފުރިހަމަވާއިރު އުފެދޭ ވަޒީފާތަކަށް މީހުން ތަމްރީންކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ކުރަމުންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވިއެވެ. އެއީ އައްޑޫގެ ކުދި ވިޔަފާރިތައް ކުރިއަރާ އައްޑޫ އަށް އިތުރު އިންވެސްޓަރުން ގެނައުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއްގެ ގެނެސްދޭ މަޝްރޫއެއް ކަމަށްވާ ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ މާރޗްމަހުގެ 30 ވަނަ ދުވަހުއެވެ.
142.9 މިލިއަން ޑޮލަރުގެ މި އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެގައި ޖުމްލަ 2082 އެނދު ހިމެނޭގޮތަށް 1041 ކޮޓަރި ތަރައްގީ ކުުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 2 ގްރޭންޑް ހޮޓެލް، 2 ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 17 ބީޗް ވިލާ، 64 ސަރވިސްޑް އެޕާޓްމެންޓްގެ އިތުރުން ރެސްޓޯރެންޓްތަކާއި، ޝޮޕިންގް އޭރިއާތަކާއި، ވޯޓަރ ޕާކަކާއި، ކުޅިވަރުކުޅުމާއި މުނިފޫހިފިލިވުމުގެ ވަސީލަތްތައް ތަރައްގީ ކުރާނެއެވެ.