ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 12:12
މިނިސްޓަރު އާމިނަތު ޝައުނާ
މިނިސްޓަރު އާމިނަތު ޝައުނާ
މަޖުލިސް
ކުނީގެ މައްސަލަ
މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 800 ޓަނު ކުނި އުފައްދާ، %12 އަކީ ޕްލާސްޓިކް
ޕާލްސްޓިކް މަދުކުރަން 13 ބާވަތެއް ރާއްޖެއިން ނައްތާލަން ދަނީ މަސައްކަތްކުރަމުން
ފުޅިތައް މަދުކުރުމަށް ކުރި 330 މިލިލީޓަރުގެ ފުޅި ރާއްޖޭގައި އުފެއްދުމާއި އެތެރެކުރުން މަނާކޮށްފައިވޭ

މާލެ ސަރަހައްދުގައި އެކަނި ވެސް ދުވާލެއްގެ މައްޗަށް 800 ޓަނުގެ ކުނި އުފައްދާ އިރު އޭގެ ތެރެއިން 12 އިންސައްތަ އަކީ ޕްލާސްޓިކް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވަނީ ޕްލާސްޓިކް ކޮތަޅުން ފީނަގަން ފެށުމުގެ ކުރިން ކިހާވަރަކަށް ތައްޔާރުވިތޯ އާއި މިނިސްޓްރީން ކުރި މަސައްކަތަކީ ކޮބާތޯ ސުވާލުކުރައްވާފައެވެ. އަންގާރަ ދުވަހު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކް މަދުކުރުމަށް ސިޔާސަތު ކަނޑައަޅާ މަސައްކަތްކުރަމުންދާތާ ގާތްގަނޑަކަށް ދެ އަހަރުވެފައިވާ ކަމަށެވެ. އެގޮތުން މި ދެ އަހަރުގެ ތެރޭގައި ހާސިލްކުރަން ނިންމި އެންމެ މުހިންމު އެއް ނިންމުމަކީ ރާއްޖޭގައި އެންމެ ގިނައިން އުފައްދާފައިވާ އަދި ބޭނުން ކުރާ 13 ބާވަތެއްގެ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ރާއްޖެއިން އެއްކޮށް ނައްތާލުން ކަމަށެވެ. އެ ޕްލޭންގެ ދަށުން މިހާރު އޭގެ ތެރެއިން 12 އައިޓެމްގެ މަސައްކަތްކޮށް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ތެރެއިން އެންމެ ގިނައިން ބޭނުން ކުރަނީ ޕްލާސްޓިކް ފުޅިތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ފުޅިތައް މަދުކުރުމަށް ކުރި 330 މިލިލީޓަރުގެ ފުޅި ރާއްޖޭގައި އުފެއްދުމާއި އެތެރެކުރުން މިހާރު ހުއްޓުވާފައިވާ ކަމަށާއި ރާއްޖޭގެ 79 ރަށެއްގައި އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ޕްލާސްޓިކް ކުންޏަކީ ރާއްޖެ އަށް ދިމާވެފައިވާ ބޮޑު މައްސަލަ އެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންގާރަ ދުވަހު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ސުޕާރީ ޕެކެޓް އެކަނި މަނާކުރީ ކީއްވެތޯ އާއި ކިރާއި ޗޮކްލެޓް ފަދަ ތަކެތި ޕްލާސްޓިކްގައި ބަންދުކޮށްފައިވީ ނަމަވެސް އެތަކެތި އެތެރެކުރުން މަނާ ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސުޕާރީ ކޮތަޅު މަނާކުރުމަކީ ޕްލާސްޓިކް މަނާކުރުމުގެ ފުރަތަމަ މަރުހަލާ ކަަމަށެވެ. މިނިސްޓަރު ވަނީ ސިޔާސަތުތައް ހަދާ ބޭފުޅުން ވެސް އެފަދަ ކަންކަމަށް ހޭލުންތެރިކަން ކުޑަ ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް