ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ) އިން ބާއްވާ ފިރިހެން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިނަރެސް އިން ހޯދައިފި އެވެ.
ވިނަރެސް އިން ޗެމްޕިއަންކަން ހޯދީ ހޯމަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ވިންގްސް ބަލިކޮށްގެންނެވެ. މި ދެ ޓީމު ވަނީ ކުރިން ލީގު ބުރުގައި ވެސް ވާދަކޮށްފަ އެވެ. ލީގު ބުރުގެ މެޗު ފަސް ސެޓު ކުޅެގެން ކާމިޔާބު ކުރީ ވިންގްސް އިންނެވެ. ފައިނަލްގައި ވިނަރެސް އިން ވިންގްސްގެ މައްޗަށް ކުރި ހޯދީ ވެސް ފަސް ސެޓު ދެ ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ މެޗު 25-21 އިން ކާމިޔާބު ކުރީ ވިނަރެސް އިންނެވެ. ނަމަވެސް ވިންގްސް އިން ވަނީ 20-25 އިން ޖެހިގެން އައި ދެ ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ރޫޙުގައި ނިކުމެ އެ ޓީމުން ތިން ވަނަ ސެޓު ވެސް 20-25 އިން ކާމިޔާބުކޮށް، އުންމީދު ބޮޑު ކުރި އެވެ. ނަމަވެސް ހަތަރު ވަނަ ސެޓުގައި ވިނަރެސް އިން ވަނީ މޮޅަށް ކުޅެ، 25-17 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ވިނަރެސް އިން ކާމިޔާބު ކުރީ 15-12 އިންނެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ވިނަރެސްގެ ޒިޔާން ޙުސެއިން، އާޒިމް މުޙައްމަދު، ޙަމްދާން އިދުރީސް، ވިންގްސްގެ އަޙުމަދު ޝަރީފް، އުސްމާން ޢަބްދުއް ޞަމަދު އަދި ލެޖެންޑްސްގެ އަޙުމަދު ޝަރޫފް އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔަކީ ވިނަރެސްގެ ޙުސެއިން ރިފާއު އެވެ. 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ލެޖެންޑްސްގެ ޔާނިޝް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ވިނަރެސްގެ ކޯޗު ނަސީރު އެވެ.
މިއީ ފެޒްގ އިން ކޮންމެ އަހަރެއްގެ ފިތުރު އީދާ ގުޅުވައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެ ޖަމިއްޔާ އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ އަޟްހާ އީދުގައި ވެސް މުބާރާތްތަކެއް ބާއްވާނެ އެވެ. އެއީ ފިރިހެން ފުޓުބޯޅަ އާއި އަންހެން ވޮލީ އެވެ.