ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ) އިން ބާއްވާ ފިރިހެން ވޮލީ ބޯޅަ މުބާރާތުގެ ފައިނަލުން ވިންގްސް އާއި ވިނަރެސް ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް ކުޅުނީ އާދިއްތަ ދުވަހު އެވެ. އާދިއްތަ ދުވަހުގެ ހަވީރު ކުޅުނީ ވީ ކިންގްސް އާއި ލެޖެންޑްސް އެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ލެޖެންޑްސް އެވެ. އެ ޓީމުގެ މެޗުގެ ސެޓުތައް ހޯދީ 25-19، 25-22 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެޖެންޑްސްގެ އަޙުމަދު ފައިސަލް އެވެ.
މުބާރާތުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ވިންގްސް އާއި ވިނަރެސް އެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗު ވިންގްސް އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވިންގްސް އިން ކާމިޔާބު ކުރީ 25-23 އިންނެވެ. ނަމަވެސް ވިނަރެސް އިން ވަނީ 17-25 އިން ދެ ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ތިން ވަނަ ސެޓުގެ ކުޅުން ފެނުނީ މާ ވާދަވެރިކޮށެވެ. ފަހު ވަގުތު ކުރި ހޯދައިގެން 26-24 އިން ސެޓު ކާމިޔާބުކުރީ ވިންގްސް އިންނެވެ. އެހެން ނަމަވެސް، 12-25 ގެ ބޮޑު ތަފާތަކުން ވިނަރެސް އިން ހަތަރު ވަނަ ސެޓު ކާމިޔާބު ކުރުމުން، ނަތީޖާ ނެރުމަށް ފަސް ވަނަ ސެޓު ކުޅެން ޖެހުނެވެ. ފަސް ވަނަ ސެޓުގައި ވިންގްސް އިން ވިނަރެސްގެ މައްޗަށް ކުރި ހޯދީ 12-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވިންގްސްގެ އުސްމާން ޢަބްދުއް ޞަމަދު އެވެ.
ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުން ޖާގަ ލިބެނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށްފަހު، ޕޮއިންޓުގެ ގޮތުން އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދީ ވިނަރެސް އެވެ. އެއީ އެ ޓީމު ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކު އެވެ. ދެ ވަނަ ވިންގްސް އަށް ލިބެނީ ތިން މެޗުން ހަ ޕޮއިންޓާއެކު އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ އެވެ.