ފިތުރު އީދު ބަންދާ ދިމާކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުން "އޮޕަރޭޝަން ފިތުރު 2023" ނަމުގައި، ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފެށި މި އޮޕަރޭޝަނަކީ، އީދު ބަންދަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ކަނޑުމަތިން ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ އިތުރުން، ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 19ން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އޮޕަރޭޝަނުގައި، އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުގެ ކެޕްޓަންގެ އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގެ ބަނދަރުން ފުރާ އުޅަނދުފަހަރާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދު ފަހަރު ޗެކްކުރުމަށްވަނީ ހަމަޖެހިފައެވެ.