ޤައުމީ ޓީމުގެ ކޯޗުކަށް މަސައްކަތް ކުރި މާޓިން ކޫޕްމަން އާއި އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކުރި ރެނޭ ހިޑިންކަން ބަދަލު ދިނުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ އެންގުމާ އެއް ގޮތަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފައިސާ ދައްކައިފި އެވެ.
ކޫޕްމަން އާއި ރެނޭގެ ފަރާތުން ފީފާގެ ޓްރިބިއުނަލަށް ހުށަހެޅި މައްސަލަ ނިމުނީ ރާއްޖެއާ ދެކޮޅަށެވެ. ފީފާގެ އެންގުމާ އެއް ގޮތަށް އެފްއޭއެމުން ވަނީ ކޫޕްމަން އަށް 226،672 (ދެ ލައްކަ ސައްބީސް ހާސް، ހަ ސަތޭކަ ހަތްދިހަ ދޭއް) ޑޮލަރު ދައްކައިފަ އެވެ. އެއީ އޭނާގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށްވާ، 210،000 (ދެ ލައްކަ ދިހަ ހާސް) ޑޮލަރާއި، ޖޫރިމަނާގެ ގޮތުގައި ދެއްކި 16،672 (ސޯޅަ ހާސް ހަ ސަތޭކަ ހަތްދިހަ ދޭއް) ޑޮލަރެވެ. އެއީ 3.4 މިލިއަން ދިވެހި ރުފިޔާ އެވެ. ކޫޕްމަންގެ އެސިސްޓެންޓަކަށް މަސައްކަތް ކުރި ރެނޭ އަށް ވަނީ ޖުމުލަ 204،047 (ދެ ލައްކަ ހަތަރު ހާސް ސާޅީސް ހަތެއް) ޑޮލަރު ދީފަ އެވެ. އެއީ އޭނާގެ މުސާރަ އާއި އެހެން އިނާޔަތްތަކަށްވާ 187،375 (އެއް ލައްކަ އަށްޑިހަ ހަތް ހާސް، ތިން ސަތޭކަ ހަތް ދިހަ ފަހެއް) ޑޮލަރާއި، ޖޫރިމަނާގެ ގޮތުގައި 16،672 (ސޯޅަ ހާސް ހަ ސަތޭކަ ހަތްދިހަ ދޭއް) ޑޮލަރެވެ. މިއީ 3.2 މިލިއަން ދިވެހި ރުފިޔާ އެވެ.
މިކަމާ ގުޅިގެން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) އަށް ގުޅުމުން ވަނީ ފޯނު ބިޒީ ކޮށްލައިފަ އެވެ. އަދި މެސެޖު ކުރުމުން ރިޕްލައި ކޮށްފައެއް ވެސް ނުވެ އެވެ.
ޤައުމީ ޓީމުގެ ކޯޗަކަށް ކޫޕްމަން އަދި އެސިސްޓެންޓަކަށް ރެނޭ ހަމަޖެއްސީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ވަނީ ދެ މީހުންގެ އެއްބަސްވުން އައުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އެފްއޭއެމުން ވަނީ އެ އެއްބަސްވުން އުވާލަން ނިންމައި، އެ ދެ މީހުން މަގާމުން ވަކިކޮށްފަ އެވެ. އެއާއެކު ކޫޕްމަން އާއި ރެނޭ ވަނީ މައްސަލަ ފީފާ އަށް ޖައްސައިފި އެވެ.
ކޫޕްމަން އާއި ރެނޭގެ އިތުރުން ޤައުމީ އަންހެން ޓީމުގެ ކޯޗަކަށް ކުރިން ގެނައި ޑޭވޯ ބާބާ އަށް ވެސް އެފްއޭއެމުން ވަނީ ބަދަލު ދޭން ޖެހިފަ އެވެ. ބާބާ އަށް ބަދަލުގެ ގޮތުގައި ވަނީ 39،919.34 ޑޮލަރު ދީފަ އެވެ. ދިވެހި ފައިސާ އިން ބަލާނަމަ އެއީ، 615،556 ( ހަ ލައްކަ ފަނަރަ ހާސް، ފަސް ސަތޭކަ ފަންސާން ހައެއް) ރުފިޔާ އެވެ.
މިފަހުން އެފްއޭއެމްގައި ވަނީ މާލީ ގިނަ މައްސަލަތަކެއް ދިމާވަން ފަށައިފަ އެވެ. އެގޮތުން ކަރަންޓު ބިލު ނުދެއްކުމާއި، މުވައްޒަފުންނަށް މުސާރަ ނުދެވުމާއި، ތަންތަނުން ޚިދުމަށް ހޯދުމަށް ފަހު އެ ތަންތަނަށް ވެސް ފައިސާ ނުދައްކާ މައްސަލަ ފެންމަތިވި އެވެ. އެއާއެކު އެފްއޭއެމްގެ މައްޗަށް ވަނީ ކޯޓުގެ ހުކުމެއް ވެސް އައިސްފަ އެވެ.