Advertisement
ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 14:12
ލޯފަން މީހުންގެ ޖަމިއްޔާއިން ވޯޓުލުމަށް ހަދާފައިވާ މޮޑެލްއެއް ދައްކާލަނީ
ލޯފަން މީހުންގެ ޖަމިއްޔާއިން ވޯޓުލުމަށް ހަދާފައިވާ މޮޑެލްއެއް ދައްކާލަނީ
މަޖިލިސް
ލޯފަން މީހުންނަށް ވޯޓުލެވޭގޮތް ހެދުން
ލޯފަން މީހުންނަށް ވޯޓުލެވޭ އިސްލާހު؛ އެހެން އިންތިހާބުތަކަށް ހުރި ގޮންޖެހުމެއް!
އެހެން މީހެއްގެ އެހީތެރިކަމާނުލައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްޓަކައި ބޭނުންކުރާނީ ވޯޓު ކަރުދާސް ޓެމްޕްލޭޓް
ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ، ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން، ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން ބޭނުންކުރެވޭ އެއްޗެއް
އެ ޓެމްޕްލޭޓުގެ ތެރެއަށް ވޯޓު ކަރުދާސްލުމުން އެ ނުގުޑާފަދައަކުން، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރު ޓެކްޓައިލްކޮށްފައި ހުންނަންވާނެ

ލޯފަން މީހުންނަށް އެކަނި ވޯޓުލެވޭގޮތަށް އާންމު އިންތިހާބުތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، ރިޔާސީ އިންތިހާބުގައި އެ ލުއިފަސޭހަ ލިބުނު ނަމަވެސް، އެހެން އިންތިހާބުތަކުގައި އެކަން ކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކޮމިޝަނުން ތިއްބެވީ ޔަގީނުންވެސް ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަ ޖެހުމާއި ގުޅޭގޮތުން އިދާރީގޮތުން ތައްޔާރީތަކެއް ވެފައި ހުރި ކަމަށާއި، އެކަމާއި ގުޅޭ ބައެއް ޑޮކިއުމެންޓްތައް ތައްޔާރުކޮށް، ސާމްޕަލްތައް ތައްޔާރުކޮށް، ނަކަލްތައް އެކުލަވާލާ އެކަމާއި ގުޅޭ 2 ބައްދަލުވުމެއް ލޯފަން ޖަމިއްޔާގެ މީހުންނާ އެކީގައި ކުރިއަށް ގެންދިޔަ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

Advertisement

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މި މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސްވެދާނެ ކަމަށާއި، އަހަރެއްހާ ދުވަސްކުރިން އެކަމުގެ އިދާރީ މަސައްކަތް އިލެކްޝަންސް ކޮމިޝަނުގެ އެތެރޭގައި ދިޔައީ ކުރަމުން ކަމަށެވެ. މިހާރު އޮތް އިސްލާހު ހުށަހެޅިގެން ދިޔައިރުގައި ވަރަށް ތަރުތީބުކޮށް، ވަރަށް ތަފްސީލުކޮށް ވަރަށް ގިނަ ކަންކަން އެ ބިލުގައި އެބަހުރި ކަމަށާއި، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ޑްރާފްޓާ ގުޅޭގޮތުން ކޮމިޓީ މަރުހަލާގަ އިލެކްޝަންސް ކޮމިޝަނާ މަޝްވަރާ ކުރެވޭކަމުގަ ވާނަމަ، ކޮމިޝަންގެ ހުރި ކަންބޮޑުވުންތައް ކޮމިޓީ މަރުހަލާގައި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަ ޖެހުމަށް މިހާރު މަޖިލީހަށް ހުށަހެޅިފައި އޮތް އިސްލާހުގައި ވަރަށް ތަފްސީލުކޮށް އެހުރީ އެކަމާއި ގުޅޭ ބައެއް ކަހަލަ ކަންކަން، އޭގެ މާނައަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކަން ކުރަން ފަސޭހަވިޔަސް މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކަހަލަ އުނދަގޫ އިންތިހާބުތަކުގައި، ބައިވަރު ކަރުދާސް ހުރެ ކަރުދާސްތައް ދިގުވެގެންދާ ކަހަލަ އިންތިހާބުގައި، މިހާރު ގާނޫނުގައި އޮތްގޮތަށް އެކަން ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

ހަސަން ވިދާޅުވީ މިހާރު ގާނޫނުގައި ބަޔާންކޮށްފައި އޮތީ، ޓެމްޕްލޭޓެއް އޮންނަންވާނެ ކަމަށާއި، އެ ޓެމްޕްލޭޓެއް އޮންނަން ޖެހޭނީ ވެސް ވަކިގޮތަކަށް ކަމަށެވެ. އަދި އެ ޓެމްޕްލޭޓުގައި ހިމެނެން ޖެހޭ ބައިތަކަކީ ކޮބައިކަންވެސް އިސްލާހުގައި ހިމަނާފައިވާނެ ކަމަށެވެ. ދެން އެއަށް އެއްވެސް ބަދަލެއް ގެނެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށާއި، އެހެންކަމުން އެހާބޮޑަށް ފާހަގަ ޖަހާނެ ގޮތާއި، ޓެމްޕްލޭޓް އޮންނާނެ ގޮތާއި، އެއަށް ކަރުދާސް ލައްވާނެ ގޮތާއި، މިހާ ތަފްސީލުކޮށް ގާނޫނެއްގައި ބަޔާންކުރެވުނީމަ، ޕްރެކްޓިކަލީ އެކަންކުރުން އެއީ ކިހާ ޗެލެންޖިންކަމެއްތޯ ވޯޓުލުމުގެ ދާއިރާގައި އުޅޭ ކޮންމެ މީހަކަހަށްވެސް ތަސައްވުރުކޮށްލެވޭނެ ކަމަށެވެ.

މިހާރު އިސްލާހު އޮތްގޮތަށް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރަން އެއްވެސް ޗެލެންޖެއް ނެތް. އެހެންނަމަވެސް މަޖިލިސް އިންތިހާބު، ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި މިހާރު އާންމު ގާނޫނަށް އެ އިސްލާހު އައިސްގެން އެގޮތަށް ކުރާނަމަ އެއީ މުސްތަހިއްލުކަމެއް. އެކަން އެގޮތަކަށް ނުކުރެވޭނެ. މިހާރު އިސްލާހު އޮތްގޮތުން، ލޯކަލް ކައުންސިލް އިންތިހާބުގައި އެކަން ޕްރެކްޓިސް ނުކުރެވޭނެ. ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެހާތަނަށްދާއިރުގައި މިހާރު ޑްރާފްޓް އޮތްގޮތަށް ފާސްވެއްޖެނަމަ. އަދި ގާނޫނަށް އަނެއްކާ އިސްލާހު ގެންނަންޖެހޭނެ. އެއަށްވުރެ ކޮމްޕްލެކްސް އިންތިހާބެއް ލޯކަލް ކައުންސިލް އިންތިހާބަކީ. އެއް އިންތިހާބެއްގައި ތިން ހަތަރު މަގާމުގައި ހިމެނިފައި، އަދި ވޯޓު ކަރުދާހެއްގައި އެތައް މަގާމެއް ހިމެނިފައި، ކޮންމެ މަގާމަކަށް ތިންހަތަރު މީހުން ވާދަކުރާއިރު ވޯޓު ކަރުދާހަކަށް އަންނާނެ 25 ވަރަކަށް ކެންޑިޑޭޓުން ބައެއް ހާލަތުގައި. އެހެންވީމާ އެހާލަތުގައި ޓެމްޕްލޭޓެއް ބޭނުންކުރާނީ ކިހިނެއްތޯ އެއީ ޕްރެކްޓިކަލަކީ ކުރެވޭނީ ކިހިނެއްތޯ ބަލައި ދިރާސާކޮށްގެން ނޫނީ ނުކުރެވޭނެކަމެއް. މިހާ ކުއްލިއަކަށް ގާނޫނަށް ތަފްސީލުކޮށް އިސްލާހު ގެނެސްފިނަމަ ގޮންޖެހުން ބޮޑުކަމަކަށް ވެދާނެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

ހަސަން ވިދާޅުވީ މިހާރު އޮތް ގޮތަށް ބިލް ފާސްވިނަމަވެސް، ރިޔާސީ އިންތިހާބުގަ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގަ ވެސް ޗެލެންޖެސްތަކާއެކު ވެސް ގާނޫނާ އެއްގޮތަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އިތުރު ޗެލެންޖެއް ހުރިއްޔާ އެ ހައްލު ހޯދަން މަޖިލީހާ ހަމައަށް ދާނެ ކަމަށާއި، ކޮންމެ ގޮތަކަށް އިސްލާހު އަޔަސް، އަދި މިހާރު އޮތް ގޮތަށް ފާސްވެގެން ދިޔަނަމަވެސް، ކުރިއަށް އޮތްތާނގަ ދިމާވާ ގޮންޖެހުންތަކާއެކު އިންތިހާބީ ނިޒާމުގެ ތެރެއިން ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތާއެކުހައްލު ހޯދޭނޭ ކަމަށެވެ. އަދި އެބޭފުޅުންނަށް އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު އޮންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ލުއިފަސޭހަކަމާއެކު މި އިސްލާހުތައް ފަހުން ނަމަވެސް ގެނެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް