އަލީ އަޝްފާޤު (ދަގަނޑޭ) ގެ ކެޕްޓަންކަމުގެ ދަށުން ނިކުމެ, ސަސްއިން ޕްރެޒިޑެންޓް ކަޕްގައި ކްލަބް ވެލެންސިޔާ ބަލިކޮށްފިއެވެ.
ސަސްގެ ކުރިން އެންމެ ފަހުން އަޝްފާޤު ކުޅުނު ކްލަބް ވެލެންސިޔާ އަތުން ސަސް މޮޅުވީ 5-0 ނެވެ. އެންމެ ފަހުގެ ޗެމްޕިއަން ކޮޅަށް އަޝްފާޤު ދެ ލަނޑުވެސް ޖެހިއެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ސަސްއަށް ކުރި ހޯދައިދިނީވެސް 37 އަހަރުގެ އަޝްފާޤެވެ. ދެވަނަ ހާފްގައި މެޗުގެ ހަތަރުވަނަ ލަނޑުވެސް ޖެހީ އަޝްފާގެވެ. ފުރަތަމަ ހާފް ސަސްއިން ނިންމާލީ 2-0 ގެ ލީޑެއްގައެވެ. އެއީ ހަވަނަ މިނިޓްގައި އިބްރާހީމް އަތީގު ހަސަން ޖެހި ލަނޑާއެކުއެވެ. ދެވަނަ ހާފްގައި ސަސްގެ ފުރަތަމަ ލަނޑު ޖެހީ މުޙައްމަދު ސަހާއުއެވެ. ފަހު ލަނޑ ޖެހީ އަހުމަދު ހަމީދުއެވެ.
ވެލެންސިޔާއިން މެޗަށް ނެރުނު ގިނަ ކުޅުންތެރިންނަކީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. އޭގެ ތެރޭގައި 14 އަހަރުގެ އީތަން އިބްރާހީމް ޒަކީއާއި, މުޙައްމަދު އިލާން އިބްރާހީމް ހިމެނެއެވެ. ވެލެންސިޔާގެ އެކަޑަމީގެ މިދެ ކުޅުންތެރިންނަކީ އިންޓަރ ސްކޫލްގެ ތަރިންނެވެ. މިދެ ކުޅުންތެރިން ކުޅެން ނިކުތުމާއެކު މިއީ ރާއްޖޭގެ ޓޮޕް ޑިވިޝަންގައި ކުޅުނު އެންމެ ޅަ ދެ ކުޅުންތެރިންނެވެ. މީގެތެރެއިން އީތަން ކުޅެން ނިކުތީ ވެލެންސިޔާގެ "އަގުބޮޑު" ދިހަ ނަމްބަރު ޖަރޒީގައެވެ.
އެހެން ކްލަބްތަކުން ވެލެންސިޔާއާ ގުޅުނު ކުޅުންތެރިންވެސް މެޗުގައި ނުކުޅެއެވެ. އޭގެތެރޭގައި މިޑްފީލްޑަރ އިބްރާހީމް ވަހީދު ހިމެނެއެވެ. އޭނާ އަންނަނީ ވެލެންސިޔާއާއެކު ޕްރެކްޓިސް ކުރަމުންނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެކުޅުންތެރިން ރަޖިސްޓްރީ ނުކުރެވެއެވެ. އެއީ މިދިޔަ ސީޒަންގައި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައިގެ ކަންކަން ނުނިމި ހުރުމުންނެވެ.
ވެލެންސިޔާއާއި ސަސްގެ އިތުރުން މިގްރޫޕްގައި ދެން ހިމެނެނީ އީގަލްސްއެވެ. މުބާރާތުގައި ހޮނިހިރު ދުވަހުގެރޭ ވާދަކުރާނީ ޓީސީއާއި ބުރެވެ.