ޕްރެޒިޑެންޓް ކަޕްގެ ސެމީފައިނަލްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު އެންމެ ބޮޑަށް ވިސްނަންޖެހެނީ "އޯވަރކޮންފިޑެންސް" ނުވާންކަމަށް، ބުރު ސްޕޯރޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ފުރަތަމަ މުބާރާތުގައި، ލީގު ޗެމްޕިއަން މާޒިޔާ ބަލިކޮށްގެން ސެމީއަށް ދަތުރުކުރި ކުރުމަށް އިޝާރާތްކޮށް ނިޒާމް ބުނީ، ކުޅުންތެރިންނާއި މެނޭޖްމަންޓްވެސް އުއްމީދުތައް މާ މަތިނުކޮށް މެޗަށް ވިސްނަން ޖެހޭކަމަށެވެ. އޭނާ ބުނީ މެޗަށް ނުކުންނާނީ ކްލަބްގެ އުއްމީދުތަކާއި ކުޅުންތެރިންގެ އިތުބާރަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ. މުބާރާތުގެ ސެމީފައިނަލަށް ދިއުމަކީ، ޓީމެއްގެގޮތުގައި ބުރަށާއި ބުރުގެ ކުޅުންތެރިންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއްކަން ފާހަގަކުރަމުން ނިޒާމްބެ ބުނީ، އެއީ ސެމީފައިނަލް މެޗުން މޮޅުވާނެ ސަބަބެއް ނޫންކަމަށެވެ. ސެމީފައިނަލް މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށާއި, މާޒިޔާ އަތުން މޮޅުވުމަކީ އީގަލްސް އަތުން މޮޅުވާނެ ސަބަބެއްނޫންކަމަށް ނިޒާމްބެ ބުންޏެވެ.
މެޗަކީ ކުރީ މެޗާ ހަމަ މުޅިން ތަފާތު މެޗެއް. ހަމަ މުޅިން ތަފާތު ވިސްނުމެއްގަ ކުޅެންޖެހޭ މެޗެއް. މީ ތަފާތު މެޗެއްކަން، އެ މެޗާ އެއްގޮތަށް ނަތީޖާ ނެރެވޭނެ މެޗެއް ނޫންކަން ކުޅުންތެރިންނަށް ވިސްނައިދީފަ ވާނީ. ކުޅުންތެރިން ތިބީ ރަނގަޅަށް.މުޙައްމަދު ނިޒާމް/ ބުރުގެ ކޯޗު
ސެމީފައިނަލްގައި އީގަލްސްއާ ދެކޮޅަށް ނުކުންނައިރު އީގަލްސްއަށް އެޑްވާންޓޭޖްތަކެއް ހުރިކަންވެސް ނިޒާމްބެ ފާހަގަކުރިއެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި ފާހަގަކުރީ ކޯޗަކަށް އިހުސާން އަބްދުލްޣަނީ (ސާންތި) ހުރުމެވެ. ނިޒާމްބެ ބުނީ ސާންތި އެ އިނީ، ސާންތިއަށް އެންމެ ހަމަޖެހިގެން މަސައްކަތްކުރެވޭނެ އަސްލު ގޮނޑީގައި ކަމަށެވެ. އެއީ ސާންތިއަށްވެސް އަދި އީގަލްސްއަށްވެސް ވަރަށްބޮޑު އެޑްވާންޓޭޖެއް ކަމަށާއި, އެ އެޑްވާންޓޭޖްގެ ބޭނުން ހިފައިގެން ނުކުންނައިރު އީގަލްސްގެ ސްޓްރެންތުވެސް އަދި މިހިސާބަށް އައިއިރު ފެންނަމުން ދަނީ ވަރަށް ރަނގަޅަށްކަން ނިޒާމްބެ ފާހަގަކުރިއެވެ. އޭގެ ހެތްކެއްގެ ގޮތުން ފާހަގަކުރީ މުބާރާތުގައި ކުޅުނު ދެ މެޗުންވެސް އީގަލްސް މޮޅުވެފައި ވުމެވެ. ނިޒާމްބެ ބުނީ އީގަލްސްއަކީ ވިން ރެކޯޑެއްގައި މިމުބާރާތުގައި އަންނަ ޓީމަކަށް ވުމުން ހުރިހާގޮތަކަށްވެސް ވިސްނަން ޖެހޭކަމަށެވެ.
އީގަލްސްއާ ބުރު ވާދަކުރާ ސެމީފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހު ހަވީރުއެވެ.