ޕްރެޒިޑެންޓް ކަޕްގެ ތަށި ހޯދުން ގާތީ މާޒިޔާކަމަށް ބުރު ސްޕޯރޓްސް ކްލަބްގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
މުބާރާތުގައި މާޒިޔާ ބަލިކޮށް, ސެމީފައިނަލަސް ދަތުރުކުރި ނަމަވެސް ސެމީގައި އީގަލްސް އަތުން ބަލިވި ޓީމްގެ ކޯޗު ބުނީ ދެޓީމުން ދައްކާފައިވާ ވާހަކަތަކާއި, މެޗުގެ އޮއިވަރަށް ބަލާއިރު މާޒިޔާއަށް އެޑްވާންޓޭޖްތަކެއް ހުރިކަމަށެވެ. އީގަލްސްގެ މުހިއްމު ބައެއް ކުޅުންތެރިން އަނިޔާގައި ތިބުމާއި, މާޒިޔާއިން އަނިޔާގައި ތިބި ކުޅުންތެރިންވެސް ސްކޮޑާ ގުޅިފައިވުމަކީ މާޒިޔާއަށް އޮތް އެޑްވާންޓޭޖެއްގެ ގޮތުގައި ނިޒާމްބެ ފާހަގަކުރިއެވެ. އީގަލްސްއިން އިސްމާއީލް އީސާ ހުރީ އަނިޔާގައެވެ. އަދި ހިސާމް ސަލީމްވެސް މުޅިން ފިޓެއް ނޫނެވެ. ނަމަވެސް އެދެކުޅުންތެރިންނަށް ނުކުޅެވޭނެކަމަށް ކަލްބުން އަދި ނުނިންމައެވެ.
މާޒިޔާއަށް ބަލާއިރު އަލީ ފާސިރު (ސެންޓޭ)އާއި, ޑިފެންޑަރު ސަމޫހުއާއި ނޫމާންވެސް ޓީމާއެކު ފަރިތަކުރާތީ މާޒިޔާ އޮތީ ވަރުގަދަކޮށެވެ. 2-1 ން މާޒިޔާ ބަލިކުރި ބުރުގެ ކޯޗު ނިޒާމްބެ ބުނީ ފައިނަލް މެޗެއްގައި މާބޮޑު އެޑްވާންޓޭޖްތަކެއް ނެތަސް މާޒިޔާކޮޅަށް ބުރާވާކަމަށެވެ.
ފައިނަލް މެޗެއްގައި ނޯންނާނެ މާބޮޑު އެޑްވާންޓޭޖެއް. ފައިނަލް މެޗަކީ ހަމަ ފިފްޓީ ފިފްޓީއެއް. ނޮކްއައުޓް މެޗަކަށްވެފައި އެދުވަހެއްގައި ނިކުންނަ ކުޅުންތެރިންގެ އެޓިޓިއުޑާއި އެދުވަހެއްގައި ކުޅުންތެރިންގެ މަސައްކަތު ރޭޓް ޑިސައިޑް ކުރާނީ.މުޙައްމަދު ނިޒާމް / ބުރުގެ ކޯޗު
ދެޓީމާ ގުޅޭގޮތުން ވާހަކަދައްކަމުން ނިޒާމްބެ ބުނީ ދެޓީމްގައިވެސް އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި, އެކަމަކު އަނިޔާގެ މައްސަލަތަކާއެކު މާޒިޔާއަށް އެޑްވާންޓޭޖް ބޮޑު ކަމަށެވެ. މީގެއިތުރުން ކުޅުންތެރިން ރޭންކްކޮށްފިނަމަވެސް މާޒިޔާއަށް އެޑްވާންޓޭޖް ބޮޑުކަމަށް ނިޒާމްބެ ބުންޏެވެ. އެހެންކަމުން ނަތީޖާ އެނބުރުން އެންމެ ގާތީ މާޒިޔާ ކޮޅަށްކަމަށް ނިޒާމްބެ ބުންޏެވެ. އެންމެ ފަހުގެ ފައިނަލްގައި މާޒިޔާ ވަނީ ވެލެންސިޔާ އަތުން ބަލިވެފައެވެ. އީގަލްސް ވަނީ މީގެކުރިން އެއްފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.