ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ބަޔާން މިއުނިކް އަތުން މެންޗެސްޓާ ސިޓީ 3-0 އިން މޮޅުވި މެޗުގައި އެންމެ ގިނަ ބަޔަކު ފާހަގަކުރި ކުޅުންތެރިއަކީ ޑިފެންޑަރު ޖޯން ސްޓޯންސްގެ ކުޅުމެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. މި މެޗުގައި ސްޓޯންސް ގިނަ ބަޔަކު ފާހަގަކުރި ސަބަބަކީ ކޯޗު ޕެޕް ގާޑިއޯލާ އޭނާ ލައްވައި މެދުތެރެ އަށް ކުޅުމެވެ. މިއީ މިހާތަނަށް ޑިފެންޑަރެއްގެ ގޮތުގައި ކުޅެމުން އައި ކުޅުންތެރިޔާ އަށް މުޅިން އައު ރޯލެކެވެ. އަދި ގިނަ ބަޔަކަށް ހައިރާންކުރުވަނިވި ބަދަލެކެވެ. އެކަމަކު ސިޓީ މޮޅު ކޮށްދިނުމުގައި އޭނާގެ ދައުރު ރޭ ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.
މެޗަށް ފަހު މި ވާހަކަ ކިޔައިދެމުން ސްޓޯންސް ބުނީ މެދުތެރެ އަށް ކުޅެން ޖެހުމުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށެވެ.
މިއީ އަހަރެންގެ ކެރިއަރުގައި ކުޅުމުގެ ތެރެއިން ކަންކަން އިތުރަށް އުނގެނެން ލިބުނު ފުރުސަތެއް. އަމިއްލަ އެދުން ބޮޑުނުކޮށް އެހެން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭންގޮތް މި މަގާމުގައި ކުޅެން ޖެހުމުން އަހަރެންނަށް އެނގިގެންދިޔަ، ކުޅުންތެރިންނަކީ 360 ޑިގްރީއަށް އެމީހުންގެ ވިސްނުމާއި ފެނުން ހުންނަންޖެހޭ ބައެއް. އެކަމަކު އަހަރެން އަދި އެފެންވަރަށް ނުދޭ، ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭޖޯން ސްޓޯންސް
އޭނާ ބުނީ ގާޑިއޯލާއާއެކު ހަތް އަހަރު މަސައްކަތް ކުރެވިއްޖެ ކަމަށާއި އޭނާ އަށް މިކަން ނުކުރެވޭނެނަމަ ކޯޗު އެކަން ނުކުރާނެކަން ޔަގީންކުރި ކަމަށެވެ. އަދި ގާޑިއޯލާގެ ވިސްނުމުގެ ތެރެއިން އަބަދުވެސް މަސައްކަތް ކުރަނީ ކޯޗު ބުނާގޮތް ހަދައި ޓީމަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ކުރަން ކަމަށެވެ. މި ގޮތުން ސިޓީގެ ކޮންމެ ކުޅުންތެރިއަކަށް ވެސް އެމީހެއްގެ ރޯލު އެނގެނީ މެޗު އޮންނަ ދުވަހު ކަމަށެވެ.
މި މެޗުގެ ކުރިން މެދުތެރެއަށް ކުޅެ އަހަރުމެން ޕްރެކްޓިސް ކުރިން. އަދި މެޗަށް އައިއިރު އެއީ އެކަން ކުރަންޖެހޭ ގޮތްކަމެއް ނޭނގެ. ކޮންމެ ކުޅުންތެރިއަކަށް ވެސް އެމީހެއްގެ ރޯލު އެނގެނީ މެޗު ކުޅޭ ދުވަހު. އަހަރެން މި މެޗުގައި މެދުތެރެ އަށް ކުޅެން ޖެހުމުން ޖެހިލުމެއްނުވި. އެއީ ކޯޗު އަހަރެންނަށް ނުކުރެވޭނެ ކަމެއް ހަވާލުނުކުރާނެކަމުގެ ޔަގީންކަން އޮތުމުންޖޯން ސްޓޯންސް
ނަމަވެސް މެދުތެރެ އަކީ އޭނާގެ ދާއިމީ މަގާމަކަށް ނުވާނެ ކަމަށް 28 އަހަރުގެ ސްޓޯންސް އުއްމީދުކުރެ އެވެ.