ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 16:01
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޔޫސުފް ސިރާޖް
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޔޫސުފް ސިރާޖް
ވެމްކޯގެ ޚިދުމަތްތައް
"މާލޭގައި މަހެއްގެ މައްޗަށް ކޮންމެ ގޭބިސީއަކުން ކުނި ނެގުމަށްޓަކައި 553 ރުފިޔާ ހޭދަކުރޭ"
ވިޔަފާރިތަކުން ނަގާ ކުންޏަށް، ލީޓަރަކަށް 1.86 ރުފިޔާ ހޭދަކުރޭ
ޕިކަޕް ސަރވިސްއަށް 3.88 ލާރި ހޭދަވޭ
ގޭބިސީއަކުން ކުނި ނެގުމަށް ނަގާ ފީއަކީ 150 ރުފިޔާ

މާލޭގައި މަހެއްގެ މައްޗަށް ކޮންމެ ގޭބިސީއަކުން ކުނި ނެގުމަށްޓަކައި ހޭދަކުރާ އަގަކީ 553 ރުފިޔާ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް ވަނީ ވެމްކޯ މއިން މިހާރު އޮޕަރޭޝަނަށް ކުރަމުންދާ ހޭދައިގެ ބައެއް ތަފްސީލްތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ވިޔަފާރިތަކުން ނަގާ ކުންޏަށް، ލީޓަރަކަށް 1.86 ރުފިޔާ ހޭދަކުރާއިރު, ކޯލް އެންޑް ޕިކަޕް ސަރވިސްއަށް 3.88 ލާރި ހޭދަވާކަމަށް އޭނާ ވިދާޅުވިއެެވެ. ޓްރާސްފަރގައި ކިލޯއަކަށް 72 ލާރި، ތިލަފުއްޓަށް ވޭސްޓް ޕްރޮސެސްކުރުމަށް 1.70 ރުފިޔާ ހޭދަކުރެއެވެ.

ސިރާޖް ވިދާޅުވީ އެއީ މަހެއްގެ މައްޗަށް އޮޕަރޭޝަނަށް ހިނގާ ޚާރަދު ކަމަށާއި، މާލެއިން ނަގާ ހުރިހާ ކުނި ތިލަފުއްޓަށް ގެންދާތީ، އޮޕަރޭޝަން ޗާޖު އެކުލަވާލާފައިވަނީ ތިލަފުށީގައި ކުނި ޕްރޮސެސްކުރާ ޗާޖުތައްވެސް ހިމަނައިގެން ކަމަށެވެ. ގޭބިސީތަކުން ނަގާ ފީއަކީ ގޭބިސީތަކުން ކުނި ނަގަން ހޭދަކުރާ އަދަދަށްވުރެ ވަރަށް ބޮޑުތަން ކުޑަ އަގެކެވެ. ގޭބިސީއަކުން ކުނި ނެގުމަށް ނަގާ ފީއަކީ 150 ރުފިޔާއެވެ. އެހެން ޚިދުމަތްތަކުގެ އަގުވެސް ވަނީ ވަކި ވަރެއްގައި ހިފަހައްޓާފައެވެ.

އަންނަ އޭޕްރީލް މަހުން ފެށިގެން ވެމްކޯގެ ބައެއް ޚިދުމަތްތަކުގެ އަގަށް ބަދަލުގެނެސް، ވެމްކޯގެ ބިލް ކަރަންޓު ބިލުގައި ހިމަނަން ވަނީ ނިންމާފައެވެ. ސިރާޖު ވިދާޅުވީ ވެމްކޯގެ އެންމެ ބޮޑު ކަސްޓަމަރ ބޭސްއަކީ ގޭބިސީތައް ކަމަށާއި، އެ ގޭބިސީތަކަށް ޚިދުމަތް ދިނުމަށް ނަގާ ފީއަށް ބަދަލުގެނެސްފައި ނުވާނެ ކަމަށެވެ. ދެން ތިބި ކަސްޓަމަރުންނަކީ ވިޔަފާރި އުސޫލުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމަށާއި، އެ ފަރާތްތަކަށް ދޭ ޚިދުމަތުގެ އަގަށްވެސް ބަދަލު ގެނެސްފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ގުޅައިގެން ކުނި އުކުމުގެ ޚިދުމަތުގެ އަގަށްވެސް ބަދަލު ނުގެންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަގު ބޮޑުކުރީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ކުނި އުކައިދޭ އަގުތަކެވެ. އަދި ކުނި ވަކިނުކޮށް ގެންނަ ފަރާތްތަކުންވެސް ފީ ނަގާގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އާންމު ގެތަކާއި ވިޔަފާރިތަކުން ނަގާ ފީތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ވެމްކޯގެ ޚިދުމަތުގެ އަގަށް ބަދަލު ގެނައި ނަމަވެސް އެ ބަދަލުތަކަކީ ވިޔަފާރީގެ އުސޫލުން ގެނައި ބަދަލުތަކެއް ނޫންކަމަށް ސިރާޖު ވަނީ ވިދާޅުވެފައެެވެ.

ކޮމިޓީގައި މެމްބަރުން ވަނީ އެ ބަދަލާއި ގުޅިގެން ވިޔަފާރިތަކަށް ގޮންޖެހުމަކަށްވާކަން ފާހަގަކުރައްވާފައެވެ. އެކަމާގުޅިގެން ސިރާޖު ވިދާޅުވީ ޚިދުމަތުގެ އަގަށް ބަދަލު ގެނައީ ކުންފުންޏަށް ވާ ގެއްލުން ކުޑަކުރުމަށް ކަމަށާއި، އެ ބަދަލުތަކަކީ ކުއްލިއަކަށް ގެނައި ބަދަލުތަކެއް ނޫންކަމަށެވެ. އެހެންނަމަވެސް އެ ބަދަލުތަކަކީ ގެންނަންޖެހޭ ބަދަލުތަކެއް ކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި އަގުތަކަށް ބަދަލު ގެނައުމުގެ ކުރިން އެކަށީގެންވާ މުއްދަތެއްދީފައިވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ހިނގާ އެޕްރިލް މަހުން ފެށިގެން ކުނި ނަގާނީ، ގޭބީސީތަކުގެ ތިރިންކަން ފާހަގަކުރައްވައި ވެމްކޯގެ އެމްޑީ ސިރާޖު ވިދާޅުވީ ގޭގެ ދޮރުމަތިން ކުނި ނެގުމަކީ ޕްރިމިއަމް ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސައި އެކަމަށް ވަކި ރޭޓުތަކެއް ތައާރަފުކުރުމަށް ނިންމާފައިވާކަމަށެވެ. އެކަމަށްޓަކައި ނަގާނެ އަގުތަކާމެދު ދަނީ މަޝްވަރާކުރަމުންނެވެ.

އަގުތަކަށް ގެނައި ބަދަލުތަކުގެތެރޭގައި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓަނަކަށް 2560 ރުފިޔާ ނެގުމާއި، ޕްރައިވެޓް ކޮމަރޝަލް ކަލެކްޓަރސްގެ ފަރާތުން ޓަނަކަށް 2660 ރުފިޔާ ނެގުން ހިމެނެއެވެ. ހަމައެހެންމެ އަމިއްލަ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް، ޓަނަކަށް 1060 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުނި ވަކިނުކޮށް ގެންނަ ފަރާތްތަކުން 1000 ރުފިޔާ ނަގާގޮތަށް ނިންމާފައިވެއެވެ.

- ކޮމެންޓް