ރާޒުވާ ކުޅެން ދަސްކޮށްދިނުމަށް އެދި ބައްޕަ ގާތު ކިއަން ފެށިއިރު ޙުސައިން ބީސޫގެ ޢުމުރުން އެންމެ 4 އަހަރެވެ. މެދުއިރުމަތީގައި އޭރު ދިރިއުޅެމުން ދިޔަ ބީސޫގެ ބައްޕަ އެކަމަށް އާނބަސް ބުނަންދެން، ބައްޕަ ރާޒުވާ ކުޅެން އިން މޭޒު ވަށައިގެން ހިނގާލަހިނގާލަ ހުރެއެވެ.
ރާޒުވާ ކުޅިބައެއްގެ އެންމެ އަސާސީ ޤަވައިދުތައް ދަސްކުރިތާ މާ ގިނަ ދުވަހެއް ނުވެ، އޭނާގެ ކުޅަދާނަ ހުނަރުން މީހުން އާޝޯޚް ކުރުވަން ބީސޫ ފެށިއެވެ.
ރާޒުވާ ކުޅެން އެހާ ގަޔާ ވަނީ، ހިސާބު މާއްދާއާ ގުޅުން ހުންނާތީ. ރާޒުވާ ކުޅޭއިރު ވަރަށް ހިސާބު ހަދަން ޖެހޭނެ. އެހެންވެ ރާޒުވާ ކުޅޭ ހިތްވަނީޙުސައިން ބީސޫ؛ ރާޒުވާ ކުޅުންތެރިއެއް
ޢުމުރުން 43 އަހަރުގެ ބައްޕަ، މުސްޠަފާ ކިޔައިދިން ގޮތުގައި، ހައެއްކަ މަސްދުވަހުގެ ތެރޭގައި، ބީސޫ ވަނީ ހަމަ ރަނގަޅަށްވެސް ރާޒުވާ ކުޅެން ދަސްކޮށްފައެވެ.
އަހަރަމެން ޢާއިލާ ތެރޭގަ އަބަދުވެސް އެކީގަ ރާޒުވާ ކުޅެ ހަދަން. އަހަންނާއި އަހަރެންގެ ބައްޕައާ އެކީ، އަޚުންނާ އެކީ. ޙުސައިން އަންނާނެ އަހަރަމެން ކުޅެން ތިބޭއިރު... އައިސް ދެން އަހާނެ ފުށްތައް ދަތުރު ކުރާނެ ގޮތާ، ރާޒުވާ ކުޅޭނެ ގޮތާ ބެހޭ ސުވާލުތައް. އެއީ އޭނަ ރާޒުވާގެ އެންމެ އަސާސީ ހުނަރުތައް ދަސްކުރި ގޮތަކީ. ދެން އަހަރަމެންނަށްވެސް ދެނެނުގަނެވޭ ކަހަލަ މޫވްތައް އޭނައަށް ފެންނަން ފެށީ. ހައެއް ނޫނީ 7 ވަރަކަށް މަސްވީއިރު، ޙުސައިން ވަރަށް، ވަރަށް މޮޅުވެއްޖެ ރާޒުވާ ކުޅެންމުސްޠަފާ ބީސޫ؛ ރާޒުވާ ކުޅުންތެރިއާ ޙުސައިންބިސޫގެ ބައްޕަ
މިހާރު ޢުމުރުން 11 ފުރިފައިވާ ބީސޫ ތައްޔާރު ވަމުން ދަނީ ޖަރުމަނުވިލާތުގެ ޤައުމީ ރާޒުވާ ޓީމުން، މިމަހު ފަހުކޮޅު ކްރޮއޭޝިއާގައި ކުޅޭ މިތޯރްޕާ ކަޕްގައި ކުޅޭ މުބާރާތަށެވެ. ބީސޫ އަކީ ޖަރުމަނު ޗެސް ފެޑަރޭޝަންގެ ތާރީޚުގައިވެސް، އެ ޤައުމުގެ ޤައުމީ ރާޒުވާ ޓީމަށް ކުޅޭ އެންމެ ހަގު ކުޅުންތެރިޔާއެވެ.
އަހަންނާ އެކީ ރާޒުވާ ކުޅޭ އެހެން ކުދިންނަކީ މާ ދޮށީ ކުދިންތަކެއް. އެހެންވެ، އަހަންނަށްވުރެ ތަޖުރިބާ ގިނަ ވެދާނެ ތަންކޮޅެއް. އެކަމަކު، އަސްލު ބުނަންޏާ، މިގޮތަށް ކުޅެލަން ލިބުމަކީ ވަރަށް ބޮޑު ނަޞީބެއްހެން ހީވަނީ. ވަރަށް ރަނގަޅު ފުރުޞަތެއްހެން ހީވަނީ. އެމީހުން އަހަރެން ތައްޔާރުކޮށްދޭނެ. ޓީމާއި އޭގެ ކުރިއަށްވެސް ތައްޔާރު ކޮށްދޭނެޙުސައިން ބީސޫ؛ ރާޒުވާ ކުޅުންތެރިއެއް
އުފަން ވަޒަން ކަމަށްވާ ސޫރިޔާ ދޫކޮށް، ބީސޫގެ ޢާއިލާއިން ޖަރުމަނުވިލާތުގައި ރެފިއުޖީންގެ ގޮތުގައި ވަޒަންވެރިވޭ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ޖަރުމަނުވިލާތުގައި ދިރިއުޅުމުގެ ކަންކަން ހަމަޖައްސާ، ހިނދަމާލި ގޮތަށް މުސްޠަފާ އެންމެ ފުރަތަމަވެސް ކުރިކަމަކީ ރާޒުވާ ކުޅޭނެ ސެޓެއް ގަތުމެވެ. އަދި ބީސޫއަށް ބައިވެރިވެވޭނެ ފަދަ ޗެސް ކުލަބައެއް ހޯދިއެވެ.
އިސާހިތަކު، އަވަށު ކުލަބުގެ ޓްރެއިނަރުގެ ލޮލުގައި ބީސޫ އަޅައިގަތެވެ. މާ ރަނގަޅަށް ޖަރުމަނު ބަސް ދަސްވެފައި ނެތުމުގެ ސަބަބުން، ކޯޗުންގެ އިރުޝާދުތައް އެންމެ ފުރިހަމައަށް ފަހުމް ނުވި ކަމުގައި ވީ ނަމަވެސް، ބީސޫ އޭރުވެސް އުޅުނީ އެހެން ކުދިންނަށް ވުރެ މާ ކުރީގައި ކަން ކޯޗުންނަށް އެނގުނެވެ. އެހާ ހިސާބުން ކޯޗުން އިރުޝާދު ދިނީ، އޭރު 6 އަހަރު ފުރިފައިވާ ބީސޫ، ސްޓޭޓް ފެންވަރުގެ ކުލަބާ ގުޅުމަށެވެ.
އަހަރެން ފުޓުބޯޅަ ކުޅޭ ހިތްވޭ، ލެގޯއިން އެކި ކަހަލަ އެއްޗިހި ހަދާ ހިތްވޭ، ޕިއާނޯ ކުޅޭ ހިތްވޭ، ދެން، ބައެއް ފަހަރު ބާސްކެޓްބޯޅަ ނޫނީ ބެޑްމިންޓަންވެސް ކުޅޭ ހިތްވޭޙުސައިން ބީސޫ؛ ރާޒުވާ ކުޅުންތެރިއެއް
ބީސޫގެ ރާޒުވާ ޓީޗަރުގެ ގޮތުގައި މަސައްކަތް ކުރާ އަންދްޣިއާސް ކޫލަރ ފާހަގަ ކުރިގޮތުގައި، ކަމަށް ކަމޭ ހިތައިގެން މެޗު ކުޅުމާއި މޮޅުވާން އޭނާގެ ހިތުގައި އޮންނަ ވަރުގަދަ އަޒުމަކީ، ބީސޫގެ ހުނަރުވެރިކަމުގެ އެއް ބައެވެ. ކުޅެމުން ދިޔަ މެޗެއްގެ ވަކި ހިސާބަކުން ކޮޅު ބަދަލުކޮށް، އިދިކޮޅު ބައިވެރިޔާގެ ކޮޅަށް އަރާ، މެޗު ކުރިއަށް ގެންދަން ހަވާލު ކުރި ތަމްރީނެއްގެ ވާހަކަ، ކޫލަރ ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ.
މެޗުގެ ވަކި ހިސާބަކުން އަހަރަމެން މި ބުނީ ކުދިން ގާތު، ވަކި އިޝާރާތެއް ކުރީމަ ބޯޑު އަނބުރާލަން. އެހާ ހިސާބަށް އައި އިރު، މެޗުގަ ގަދަވެފަ ތިބި ކުދިންނަށް ކޮންމެ ގޮތެއްވިއަސް އެ ފުރުޞަތު ގެއްލޭނެތާ، އިދިކޮޅު ބައިވެރިޔާގެ އަތްމައްޗަށް. އޭރު އެކުދިން ތިބީ ވަރަށް ގަދައަށް މެޗު ތެރެއަށް ވަދެ. ޙުސައިނަކަށް އެކަމެއް ބަލައެއް ނުގަނެވުނު. ހަމަ ކަނޑައެޅިގެން އިންކާރު ކުރީ، ބޯޑު އަނބުރަން. ނޫނީ އެކީ އެކައްޗަށް ކުޅުން ހުއްޓާލަނަމޭ ބުނީ. އެކަން އޭނައަކަށް ޤަބޫލެއް ނުކުރެވުނު. ޙުސައިންގެ ހުނަރުވެރިކަމުގެ އެންމެ މުހިންމު އެއް ބަޔަކީ، އޭނާގެ ވަރުގަދަ ޢަޒުމު. އެއީ ވަރަށް ފާހަގަ ކުރެވޭ ކަމެއްއަންދްޣިއާސް ކޫލަރ؛ ރާޒުވާ ކުޅުންތެރިއާ ޙުސައިންބިސޫގެ ޓީޗަރ
ރާޒުވާ ކުޅޭ އެކި މުބާރާތްތަކުގައި ބީސޫ އޭރު ބައިވެރިވާން ފަށައިފިއެވެ. 2020 ވަނަ އަހަރު އޮތް ޖަރުމަނު 10 އަހަރުން ދަށުގެ މުބާރާތުގައި ބީސޫ ވަނީ 1 ވަނަ ހޯދާފައެވެ. އަދި ދުނިޔޭގެ 12 އަހަރުން ދަށުގެ ޗެމްޕިއަން ޝިޕުން، މިދިޔަ އަހަރު ބީސޫ ވަނީ 3 ވަނަ ގެންގޮސްފައެވެ.
ޖަރުމަނުވިލާތުގަ، ވަރަށް ގިނަ މުބާރާތްތަކުގައި އަހަރެން ވާދަ ކުރަން. އެއީ އަހަރެން ޖަރުމަނު ބަހަށް ފަރިތަވާން ފެށި ގޮތަކީ. އެއީ އިތުރު އެކުވެރިން ލިބުނު ގޮތަކީވެސްޙުސައިން ބީސޫ؛ ރާޒުވާ ކުޅުންތެރިއެއް
ބީސޫގެ ޢާއިލާއިންވަނީ މުބާރާތްތަކުގައި ވާދަކޮށް، ތަމްރީނުތަކުގައި ވާދަކުރުމަށް ބީސޫ ކުރަންޖެހޭ ދަތުރުތަކުގެ ޚަރަދުތައް ފޫބެއްދުމަށްޓަކާ، ހެޔޮ އެދޭ މީހުންގެ ފަރާތުން އެހީ ހޯދުމަށް ހާއްސަ ކެމްޕޭނެއް ފަށާފައެވެ. އަދި ބީސޫއަށް ސްޕޮންސަރެއް ލިބުމަކީވެސް ޢާއިލާއިން ކުރަމުންދާ ޢުއްމީދެކެވެ.