ކ. މާލެ
|
5 މެއި 2024 | އާދީއްތަ 13:11
ޒިބާސްޓިއަން ޝްޓޮއެޑްނަރ؛ ރާޅާއަޅާ މީހެއް
ރާޅާއެޅުން
1000 ފޫޓުގެ އުސް ރާޅަކުން ހިތަށް ހަމަޖެހުމެއް ލިބިދާނޭ ބުނަން ކެރިދާނެތަ؟
އޭނާ އެ ރެކޯޑް ކަށަވަރު ކުރީ ފެބުރުއަރީ މަހު، އެއީ ޕޯޗުގަލްގައި އޭނާ އެޅި ރާޅާއެކީގައި، އެ ރާޅުގެ އުސްމިނުގައި 28.57 މީޓަރު ނުވަތަ 93.7 ފުޓޫ ހުރި
މިހާރު ޢުމުރުން 38 އަހަރުގެ ޝްޓޮއެޑްނަރ އަކީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ އުސް ރާޅުގައި ސަރފް ކުރުމުގެ ދުނިޔޭގެ ރެކޯޑް ހޯލްޑަރެއް

އަހަރެމެން ދިވެހިންނަކީ މި ފަސްގަނޑަށް އުފަންވީއްސުރެ، ކަނޑުފަޅާއި މޫދަށް އަހުލުވެރި ބައެކެވެ. ދުވަހެއް ނިމި ދާ އިރު، މޫދަށް އެރި ނުލާ، ނުވަތަ މެރިން ޑްރައިވްއިން ބުރެއް ޖަހާނުލާ ރޭގަނޑު ލޮލުފިޔައެއްވެސް ނުޖެހޭ މީހުން އުޅެއެވެ. އެހެނެއް ކަމަކު، އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ މޫދު ކުޅިވަރުތަކަށް މާ އަހުލުވެރި ބައެއް ނޫނެވެ. ޒަމާނުއްސުރެ އޮތް ގަބޫލުކުރުންތަކެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ވަކިން ހާއްސަކޮށް، ރާޅާއެޅުން ފަދަ ކަންކަމާ އިންތިހާއަށް ދުރު ބައެކެވެ. ނަތީޖާއަކަށް ވަނީ، ކަނޑުގެ ސަރަޙައްދާ ދުރަށް އުފަންވި މީހުންވެސް ކަނޑުމައްޗަށް މާ ގަދަވުމެވެ.

ދައްކަން މި އުޅެނީ ޖަރުމަނުވިލާތަށް އުފަން ޒިބާސްޓިއަން ޝްޓޮއެޑްނަރގެ ވާހަކައެވެ. އެއީ ރާޅާ އެޅުމުގެ މައިދާނުގައި ދުނިޔޭގެ ފެންވަރުގެ ރެކޯޑް ހޯލްޑަރެކެވެ. ޝްޓޮއެޑްނަރ ބުނާ ގޮތުގައި އޭނާގެ މަސައްކަތަކީ ހިތަށް ހަމަޖެހުން ގެނުވާ މަސައްކަތެކެވެ. މި ދައްކަނީ، އެ ވަރުގެ ބިޔަ ރާޅެއް ފެނިއްޖެ ނަމަ، އަހަރެމެންގެ ތެރެއިން ނިއަމިކަމަށް އެންމެ ކުޅަދާނަ މީހުންވެސް ބިރުން ސިހޭ ވަރުގެ ރާޅުތަކުގެ ތެރޭގައި، ރާޅާއަޅާ ވާހަކައެވެ. 80 ފަންގިފިލާގެ ޢިމާރާތެއްހާ އުސްމިން ހުންނަ ރާޅުގެ ވާހަކައެވެ. އެފަދަ ރާޅެއްގެ އުސް މިނުގައި 1000 ފޫޓަށް ވުރެ އިތުރަށް ހުންނާނެއެވެ.

ދިރިއުޅުމުގަ އަހަރެމެން ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ޤާބިލުކަންވެސް އަހަރެމެންނަށް ލިބިގެންވާ ކަމަށް އަހަރެން ޤަބޫލު ކުރަނީ، ކޮންމެ ތާކަށް އުފަންވިއަސް، ތަނަވަސްކަން ކޮންމެ ގޮތަކަށް ހުއްޓަސް. އަމިއްލަ ނަފުސަށް އިތުބާރު ކުރަންވީ، ބިރާ ކުރިމަތިލާންވީ، ހުއްޓާ ނުލާންވީ، ކަލެއަކަށް ތިކަމެއް ނުވާނޭ ބުނާ މީހުންނަށް ބީރު ކަންފަތެއް ދޭންވީ، އަމިއްލަ ނަފުސަށް ތެދުވެރިވާންވީ، އޭރުން، އަހަރެމެން ބޭނުން ކޮންމެ ކަމެއްވެސް ހަމަ ކުރެވޭނެ. ކުރެވޭނެ ކަންތައް މާނަ ކުރާނީ ޚުދު އަހަރެމެން. އެއީ އަހަންނަށް މި ހިތްވަރު ލިބޭ ގޮތަކީ.
ޒިބާސްޓިއަން ޝްޓޮއެޑްނަރ؛ ރާޅާއަޅާ މީހެއް

މިހާރު ޢުމުރުން 38 އަހަރުގެ ޝްޓޮއެޑްނަރ އަކީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ އުސް ރާޅުގައި ސަރފް ކުރުމުގެ ދުނިޔޭގެ ރެކޯޑް ހޯލްޑަރެވެ. އޭނާ އެ ރެކޯޑް ކަށަވަރު ކުރީ ފެބުރުއަރީ މަހުއެވެ. އެއީ ޕޯޗުގަލްގައި އޭނާ އެޅި ރާޅާއެކީގައެވެ. އެ ރާޅުގެ އުސްމިނުގައި 28.57 މީޓަރު ނުވަތަ 93.7 ފުޓޫ ހުއްޓެވެ. ރަސްމީކޮށް ރެކޯޑެއްގެ ދަރަޖަ އަދި ނުލިބުނު ނަމަވެސް، މިހާތަނަށް އެންމެ އުސް ރާޅެއްގައި ސަރފް ކުރި ކަމުގެ ރެކޯޑް އޮންނަނީވެސް ޚުދު، ޝްޓޮއެޑްނަރ އަތުގައެވެ. އެއީ 26.21 މީޓަރުގެ ރާޅެކެވެ. ފެބުރުއަރީ މަހުގެ ރެކޯޑަށް ރަސްމީ ދަރަޖަ ލިބޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅުގައެވެ.

26.21 މީޓަރުގެ ރާޅަކާއެކު ދުނިޔޭގެ ރެކޯޑް ފޮތުން ޝްޓޮއެޑްނަރ ޖާގަ ހޯދީ 2020 ވަނަ އަހަރުއެވެ. އެ އަށް ފަހުގައިވެސް އޭނާ އުންމީދު ކަނޑައެއް ނުލައެވެ. ޢަޒުމަށް ބަދަލެއް ނުގެނެއެވެ. ޢަމާޒު ހިފާފައި ހުރީ ހައްތަހާވެސް އުހަށް އެރުމަށެވެ. އެއަށް ވުރެ މާ ރަނގަޅަށްވެސް މަސައްކަތް ކުރެވޭނެ ކަމުގެ ޔަޤީންކަން އޭނާގެ ހިތުގައި އޮތެވެ. ނަމަވެސް، އެކަމަށް ސައެންސްއާއި ޓެކްނޮލޮޖީ ބޭނުންވާނެ ކަމަށްވެސް އޭނާ ޤަބޫލު ކުރިއެވެ.

ވަރަށް އެކްސައިޓިންގް ކަމެއް މީ... ދެކޮޅުވެސް އޮވޭ ހަމަ. ވަރަށް އެކްސްޓްރީމް ސްޕޯރޓެއް މީ، ހަމަ އެހާ ހަމަޖެހުންވެސް ގެނެސްދޭ ކަމެއްމީ. ވަރަށް މަޑުމައިތިރި ގޮތެއްވެސް ހުރޭ. ޤުދުރަތުގެ މާސިންގާ ބިޔަ ރާޅާއި އަހަންނާ އަޅާ ބަލާއިރު، އަހަރެމެން އިންސާނުންގެ ނިކަމެތިކަން އިޙްސާސް ކުރެވޭ. ރާޅަކީ ކަނޑުގެ އެންމެ ގަދަފަދަ ހަކަތަ. އަނެއްކޮޅުން، ކުޑަކުޑަ އިންސާނެއްގެ ހައިސިއްޔަތުން، އަހަންނަށްވެސް ވަރަށް ބާރު އިޙްސާސް ކުރެވޭ. މި ހުރިހާ ކަންތައްގަނޑެއްގެ ތެރޭގަ މި ކުޅިވަރު ކުޅެލެވޭތީ.
ޒިބާސްޓިއަން ޝްޓޮއެޑްނަރ؛ ރާޅާއަޅާ މީހެއް

ދުނިޔޭގެ ފެންވަރުގެ ރެކޯޑެއް ހެދުމަށް މަސައްކަތް ކުރި ދުވަހު ބޮޑެތި ރާޅުތަކުގެ އުސްމިން ބެލުމަށް ބޭނުން ކުރީ ސީދާ އެކަމަށް ހާއްސަކޮށްގެން މުޅިން އަލަށް އުފެއްދި، ތަޖުރިބާ ޑްރޯންއެކެވެ. ޝްޓޮއެޑްނަރ ބޭނުން ކުރީ މުޅިން އައު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ވާ ސަރފްބޯޑެކެވެ. މީގެ ކުރިން އޭނާ ގެންގުޅުނު ބޯޑުގެ ދުވެއްޔަކީ، ގަޑިއަކު 80 ކިލޯމީޓަރުގެ ބާރު މިނެވެ. ނަމަވެސް އައު ޓެކްނޮލޮޖީއާއެކު ތަރައްޤީ ކުރި ބޯޑުގެ ދުވެލި، ގަޑިއަކު 100 ކިލޯމީޓަރަށް ހަލުވިވެއެވެ.

މިޝަން ވޭވް އަލްފާގެ ނަމުގައި ކުރިއަށް ގެންދިޔަ މަޝްވަރޫޢު އެންމެ ފުރިހަމަ ކުރުމަށްޓަކައި ޝްޓޮއެޑްނަރ ވަނީ ރާޅުތަކާ ބެހޭ އެކި މައުލޫމާތު އެއްކޮށް، ރާޅު އުފެދި، ނަގަމުންދާ ގޮތް ދަސްކުރިއެވެ. އަދި ރާޅާއަޅާ މީހުންނާއި އެ ރާޅުތަކާ ދެމެދު އޮތް 'މުއާމަލާތު' ދޭހަ ކުރިއެވެ.

އާނ، އަބަދުވެސް ހުވަފެންތަކެއް ހުރޭ. މީ ޙަޤީޤަތަކަށް ހަދަން ބޭނުން ހުވަފެނެއްކަން ދެނެގަނެވުނު ހިސާބުން، ދެން އޮތް ހުވަފެނަށް ދޮރު ހުޅުވުނު. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކަ ނަގަމުންދާ އިންތިހާ ބިޔަ ރާޅުތަކުގެ ތެރޭގަ ރާޅާއަޅާލުމުގެ ހުވަފެން. ރާޅާއަޅާނެ އާ ގޮތްތައް ހޯދުން، މިހާތަނަށް މީހުން ނާޅާ ކަހަލަ ރާޅުތަކުގެ ތެރޭގައި ރާޅާއަޅާލުން. ފެނުގެ ސަރަޙައްދުގަ އޮތް އެންމެ ހިތްގައިމު ހަކަތައަކީ ރާޅުހެން ހީވަނީ. އެކި ކަހަލަ ރާޅުތައް ބަލާ، ދިރާސާކޮށްލާ، އެނގެއެއްނު، ތޫފާނުގެ ތެރޭގަ ނަގާ ރާޅު، ކޯރުތަކުގަ ނަގާ ރާޅު، މިހެން ގޮތް، ކަނޑުގެ ހަކަތަ ތަޖުރިބާކޮށް، ދުނިޔެއާ އެ ހިއްސާ ކުރަން ބޭނުން ވަނީ.
ޒިބާސްޓިއަން ޝްޓޮއެޑްނަރ؛ ރާޅާއަޅާ މީހެއް

އެކުގައި އުޅުނު މީހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމާ ނުލާ، ކާމިޔާބާ ހިސާބަށް ނުދެވުނީސް ކަމަށް ޝްޓޮއެޑްނަރ ޤަބޫލު ކުރެއެވެ.

މިޝަންއަށް ތައްޔާރު ވުމަށްޓަކައި ކިތަންމެ ވަގުތެއް ހޭދަ ކުރި ކަމުގައި ވީ ނަމަވެސް، މާސިންގާ ބިޔަ ރާޅު ނަގާ ތަނެއްގައި ރާޅާއެޅުމަކީ އިންތިހާއަށް ނުރައްކާ ކަމެކެވެ.

- ކޮމެންޓް