ސިޔާސީ ފިކުރުގެ ސަބަބުން މި ސަރުކާރުގައި ސިވިލް ސާވިސް އާއި އާންމު ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ މި ސަރުކާރުން ވަޒީފާގެ ބިރު ނުދައްކާނެ ކަމަށެވެ. އަދި ވަކި މީހަކު ތާއީދުކުރާ ސިޔާސީ ފިކުރުގެ ސަބަބުން ކުރީގެ ސަރުކާރުތަކުން މުވައްޒަފުން ވަޒީފާ އަދާކުރަަމުންދާތަން ބަދަލުކުރި ނަމަވެސް މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ސިޔާސީ މަގާމުތަކަކީ ރައީސްއަށް ލިބޭ ބާރުގެ ދަށުން އައްޔަންކުރާއަދި ވަކި ކުރާ މަގާމުތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން އެފަދައިން ވިދާޅުވެފައިވާއިރު ފަހަކަށް އައިސް ސިޔާސީ މަޤާމުތަކުގައި ތިބި ބައެއް މީހުން ވަނީ މަޤާމުން ވަކިކޮށްފައެވެ.
އެފަދަ މަގާމުތަކުން މީހުން ވަކިކުރުމަކީ ރައީސްގެ އިޚުތިޔާރުގައި އޮންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިއުވާން ވަނީ ފަރުވާކުޑަ ވެގެން އަޅާ ފިޔަވަޅަކީ ސިޔާސީ ގޮތުން އަޅާ ފިޔަވަޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. މިއުވާން މިފަދައިން ވިދާޅުވެފައިވާއިރު ސިޔާސީ ފިކުރުގެ ސަބަބުން އެއްވެސް އާއްމު ރައްޔިތަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ ވިދާޅުވެފައެވެ.