ފަލަސްތީނުގެ މައްސަލައިގައި ރާއްޖެ މިހާރު ފެންނަނީ މުސްލިމު ނޫން ޤައުމުތަކަށްވުރެވެސް ފަހަތުގައި އުޅޭ މަންޒަރުކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، ފަލަސްތީނު މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ޚާރިޖީ ސިޔާސަތު ވަރަށް ސާފު ކަމަށާއި، ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަނީވެސް އަދި އިސްކުރަނީވެސް ފަލަސްތީނުގެ މަސްލަޙަތު ކަމަށެވެ.
މިއުވާން ވިދާޅުވީ، ކަމެއް ހިނގުމުން އެކަން ކުށްވެރިކޮށް ބަޔާން ނެރުމަށްޓަކައި ޚާރިޖިއްޔާގައި ހަރުދަނާ ނިޒާމުތަކެއް ޤާއިމު ކުރެވިފައިވާ ކަމަށާއި، މި ސަރުކާރުން އެކަންކަން ތަންފީޒު ނުކުރެވެނީ ސަރުކާރުގެ އެކަށީގެންވާ ސިޔާސަތެއް ނެތުމުންކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
އޭގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި ރާއްޖެ މިހާރު ފެންނަނީ މުސްލިމު ޤައުމުތަކަށްވުރެވެސް ފަހަތުގައި އުޅޭ މަންޒަރު ކަމަށް މިއުވާން ވިދާޅުވިއެވެ. އެގޮތުން އިޒްރޭލުން ހިންގަމުންދާ ކަންކަން ކުށްވެރިކޮށް ރާއްޖެއިން ބަޔާން ނެރެނީ އަވައްޓެރި ލަންކާއަށްވުރެވެސް ފަހުންކަން މިއުވާން ފާހަގަ ކުރެއްވިއެވެެ.
މިއުވާން ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީގައި) ރާއްޖެއިން ފަލަސްތީނުގެ ޙައްޤުގައި އަޑުހަރުކޮށް ވަކާލާތު ނުކުރަނީ ކީއްވެތޯވެސް ސުވާލު ކުރައްވާފައެވެ.
އޯއައިސީއާ ވަރަށް ގުޅުންހުރި ބޭފުޅުން ތިއްބަވާ ސަރުކާރެއްކަމަށް ދައުވާކުރާ ސަރުކާރެއް މިއީ، ކީއްވެގެންތޯ އޯއައިސީގައި ތަންކޮޅެއް އަޑުގަދަކޮށް މި ވާހަކަ އެބޭފުޅުން ނުދައްކަވަނީރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުޙައްމަދު
މިއުވާން އިތުރަށް ވިދާޅުވީ، ރާއްޖެއިން ހަގީގަތުގައި ބޭރުގެ އެހެން ޤައުމުތަކާމެދު ޖެހިލުންވެގެން އުޅޭ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން އެކަމުން އެނގިގެން ދަނީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަމާއި، "ގަޓެއް ނެތްކަން" ކަމަށް މިއުވާން ވިދާޅުވިއެވެ. އޭގެ ސަބަބެއްގެ ގޮތުގައި މިއުވާން ފާހަގަ ކުރެއްވީ މިދިޔަ ސަރުކާރުތަކުގައިވެސް ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ދަމަހައްޓާފައިވުމާއި މިހާރު ސަރުކާރުން އެކަމުގައި ފަހަތު ފަޔަށް ބުރަވުމެވެ.
މިބޭފުޅުންނަށް ހީފުޅުވަނީ ކަންނޭނގެ ތިމަންނާމެން ވަކި ސްޓޭންޑެއް ނަގައިފިއްޔާ ބޭރުގެ ޤައުމުތަކުން އެހީ ނުލިބިދާނޭ، އެހެން ހީވީމަ ގަޓެއް ނެތީމަ އެކަންކަން ކުރަން ކެރިވަޑައިނުގަންނަވަނީރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުޙައްމަދު
މުޅި މި މައްސަލައިގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.