ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 13:00
ބޭބީ ޗީޓާތަކެއް
ބޭބީ ޗީޓާތަކެއް
ރޮއިޓާސް
އިންޑިޔާގައި ޗީޓާ އާލާކުރުން
70 އަހަރަށްފަހު އިންޑިޔާގައި ޗީޓާއެއް ވިހައިފި
އެއްގަމުގައި އުޅޭ ހުރިހާ ޖަނަވާރުގެ ތެރެއިންވެސް އެންމެ ބާރަށް ދުވާ ޖަނަވާރު ކަމަށްވާ ޗީޓާގެ، މިވަގުތު ދުނިޔޭގައި ތިބިކަމަށް ބެލެވެނީ ހަތްހާހެއްހާ ޗީޓާ

މީގެ 70 އަހަރު ކުރިން އިންޑިޔާއިން ހުސްވިކަމަށް ނިންމާފައިވާ ޗީޓާއަށް ލިބުނު 4 ބޭބީ ޗީޓާއަށް އެގައުމުން މަރުހަބާ ކިޔައިފިއެވެ. މިއީ ފާހަގަ ކުރަންޖެހޭ މުނާސަބަތެއް ކަމަށް ވިދާޅުވެ އެގައުމުގެ އެންވަޔަންމަންޓް މިނިސްޓަރ ވަނީ މި އުފާވެރި ޚަބަރު އިއުލާން ކުރައްވާފައެވެ.

އެގައުމަށް ނިސްބަތްވާ ޗީޓާ މީގެ 70 އަހަރު ކުރިން މުޅިން ހުސްވުމާއެކު އަލުން ޖަނަވާރު އާލާކުރެވޭތޯ އިންޑިޔާއިން އައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މި ޕްލޭންގެދަށުން މިދިޔަ އަހަރުވަނީ ނެމީބިޔާއިން 8 ޗީޓާ އެތެރެކޮށްފައެވެ. މީގެ އިތުރުން ދެކުނު އެފްރިކާއިންވެސް 12 ވަރަކަށް ޗީޓާ މިދިޔަ މަހުވެސް ގެނެސްފައިވެއެވެ. މި ހުރިހާ ޗީޓާވެސް ވަނީ ހިމާޔަތްކުރެވިފައިވާ ޚާއްޞަ ސަރަހައްދަކަށް ދޫކޮށްފައެވެ.

ނެތެމުންދާ ބާވަތްތައް އާލާކޮށް ދިރުވުމަކީ ކޮންމެ ގައުމަކުންވެސް ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކުރަންޖެހޭ ކަމަކަށް ވާއިރު، އިންޑިޔާގައިވެސް ޗީޓާ ދިރުވުމަށް "ޕްރޮޖެކްޓް ޗީޓާ"ގެ ނަމުން ޚާއްޞަ ޓީމެއް އުފައްދައި، އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެބާވަތް ކުރިން ހުސްވާން ދިމާވި ސަބަބުތައް ދެނެގަނެ، ހުރި މައްސަލަތައް ރަގަޅުކުރުމަށާއި، އެސޮރުމެންނަށް ބޭނުންވާ ކަންކަން އެކުލެވޭ ޚާއްޞަ ވެއްޓެއް ތައްޔާރުކުރުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަތާ ވިއްސަކަށް އަހަރު ވަނީ ވެފައެވެ.

އަލަށް އުފަންވި 4 ޗީޓާ ވިހާފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު ނެމީބިޔާއިން ގެނައި ޗީޓާއެކެވެ. ކުޑަ 4 ޗީޓާ އަލަށް އުފަންވުމާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ މއާއި އެންވަޔަރަންމަންޓް މިނިސްޓަރ ބުޕެންދަރު ޔާދާވް ވަނީ ޕްރޮޖެކް ޗީޓާގެ ޓީމަށް މަރުހަބާވިދާޅުވެފައެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އުފަންވިކަމަށް ބެލެވޭ ޗީޓާތައް އޮފިޝަލުންނަށް ފެނިފައިވަނީ ބުދަ ދުވަހުއެވެ.

މިދިޔަ އަހަރު ޗީޓާތައް ނެމީބިޔާއިން އިންޑިޔާއަށް ގެންދިޔައިރު، އެއީ މިގޮތަށް މިނިކާ ޖަނަވާރެއް ދުނިޔޭގެ އެއްބައްރުން އަނެއް ބައްރަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށް ވެއެވެ.

އެއްގަމުގައި އުޅޭ ހުރިހާ ޖަނަވާރުގެ ތެރެއިންވެސް އެންމެ ބާރަށް ދުވާ ޖަނަވާރު ކަމަށްވާ ޗީޓާގެ، މިވަގުތު ދުނިޔޭގައި ތިބިކަމަށް ބެލެވެނީ ހަތްހާހެއްހާ ޗީޓާއެވެ. މީގެތެރެއިން އޭޝިއަން ޗީޓާ ކިޔާ ވައްތަރު އުޅޭކަމަށްވަނީ ހަމައެކަނި އީރާނުގައެވެ. އީރާނުގައި އޭޝިއަން ޗީޓާގެ ފަންސާހަކަށް އެތި އުޅޭކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް