ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާ އޮތް ގުޅުން ފޮރުވަން ވެގެން އޭނާއަށް ފައިސާ ދިން ކަމަށް ތުހުމަތުވާ މައްސަލައެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް ޖިނާއޯ ދައުވާ ކުރަން ފެންނަ ކަމަށް ނިއުޔޯކުގެ ގްރޭންޑް ޖޫރީއަކުން ނިންމައިފިއެވެ.
މިއީ އެމެރިކާގެ ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށް ޖިނާއީ ދައުވާއެއް އުފުލަން އެ ޤައުމުގެ ތާރީހުގައި ވެސް ނިންމި ފުރަތަމަ ފަހަރެވެ. އެގޮތުން، ގްރޭންޑް ޖޫރީއިން މިގޮތަށް ނިންމާފައިވަނީ 2016 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އޮތް ގުޅުން ފޮރުވަން އޭނާގެ އަނގަބަންދު ކުރުމަށް 130،000 ޑޮލަރު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކިތަކަށް ބެލުމަށްފަހުއެވެ.
ޓްރަމްޕްގެ ވަކީލު ސޫޒަން ނެޝެލެސް އާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ ހަފުތާގެ އަންގާރަ ދުވަހު އެމަނިކުފާނު އަމިއްލަފުޅަށް ފުލުހުންނާ ހަވާލުވެވަޑައިގަންނަވާނެއެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.
މިފަދަ މައްސަލަތަކުގައި އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތަށް ޓްރަމްޕްގެ ވެސް އިނގިލީގެ ނިޝާނާއި ފޮޓޯ ނަގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެމަނިކުފާނު އަމިއްލަފުޅަށް ހަވާލުވެވަޑައިގަންނަވާނީ މެނެހެޓަން ޑިސްޓްރިކް އެޓަރނީސް އޮފީހަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ޓްރަމްޕާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވަނީ އެމަނިކުފާނަށް ނިއުޔޯކުގައި އިންސާފު ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މިއީ ފޭކު، ކޮރަޕްޓް އަދި އެމަނިކުފާނުގެ އަގު ވައްޓާލަން އުފުލުފާއިވާ ދައުވާއެއް ކަމަށާއި އެ ދައުވާ އުފުލީ އެމަނިކުފާނު އެމެރިކާގެ ރައްޔިތުންނާއެކު ހުންނެވުމުން ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ އެއީ ސިޔާސީ ގޮތުން އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް އެކަން މިހާރު އެނގޭނެ ކަމަށާއި މީގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން މިހާރު ކުރިއަށްދާ ކަންތައްތަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަންގެ ޕްރައިމަރީގައި ޓްރަމްޕާ ދެކޮޅަށް ޕެންސް ވެސް ވާދަކުރައްވާނެއެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކޮންސަލްޓެންޓް ޑޭވިޑް ބޮލްގަރ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ޓްރަމްޕުގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ނިންމި ގްރޭންޑް ޖޫރީގައި ހިމެނެނީ އާއްމުންގެ ތެރެއިން ނަގާފައިތިބި މީހުން ކަމަށާއި އަދި އެއީ ސިޔާސީ ގޮތުން ވާދަވެރިން ނޫން ކަމަށެވެ. އެހެންކަމުން އެ ނިންމުމަކީ އެއްވެސް ގޮތަކަށް ސިޔާސީ ނިންމުމެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު އަންނަ އަހަރު ބާއްވަން ތައްޔާރުވަމުން އަންނައިރު މި ދައުވާއާއެކު ވެސް ޓްރަމްޕަށް އިންތިޚާބުގައި ވާދަކުރެއްވޭނެއެވެ. އެގޮތުން އެ ޤައުމުގެ ލީގަލް ސްކޮލަރުންތަކެއް އަލްޖަޒީރާއަށް ބުނެފައިވާ ގޮތުގައި ދައުވާ ސާބިތުވި ނަމަވެސް އެމަނިކުފާނަށް ވާދަކުރެއްވޭނެއެވެ. އެއީ އެ ޤައުމުގެ ޤާނޫނު އޮންނަ ގޮތުން އެއަށްވުރެ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮތުމުން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.