ރާއްޖެގައި އޮންލައިންކޮށް ކުރިއަށްގެންދާ ނަރސިން ކޯސްތައް އިތުރަށް ކުރިއަށްގެންދަން ހުއްދަ ދެވެން ނެތް ކަމަށް މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފިއެވެ.
އެމްކިޔުއޭ އިން އަންގާރަ ދުވަހުގެ ރޭ ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19ގެ ތެެރޭގައި ފައްޓާފައިވާ އީ- ލަރނިންގ ޑެލިވަރީ މޮޑަލިޓީން ހިންގުމުގެ ހުއްދަ ލިބިގެން ހިންގަމުން އަންނަ ޕްރޮގްރާމްތަކުގެ ތެރެއިން، "ގައިޑްލައިންސް ފޯ އީ- ލަރނިންގ"ގެ ޑެލިވަރީ މޮޑަލިޓީން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ މަތީ ތައުލޫމީ ޕްރޮގްރާމުތައް ކުރިއަށްގެންދެވޭނީ 20 އޮކްޓޯބަރު 2022ގެ ކުރިން ފަށާފައިވާ ބެޗުތަކަށް ކަމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ތާރީހުގެ ކުރިން ފަށާފައިވާ ބެޗުތައް ގަބޫލު ކުރާނެ ކަމަށް މަތީ ތައުލީމު ދޭ ތަންތަނަށް އަންގާފައިވީ ނަމަވެސް ނަރސިންގ ދާއިރާގެ ޕްރޮގްރާމްތައް ދިގު މުއްދަތަކަށް އީ- ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން ކުރިއަށް ގެންދިއުމަކީ އެ ދާއިރާގެ ލައިސެންސިން އިދާރާ ކަމުގައިވާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތް ނޫން ކަމަށް އެ ކައުންސިލުން އަންގާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެ ކައުންސިލުން މިގޮތަށް އަންގާފައިވާތީ ކުރިން އެ ކޯސްތައް ގަބޫލު ކުރާނެ ކަމަށް އަންގާފައި އޮތް ނަމަވެސް މިހާރު އެ ހާލަތު އުވާލާފައިވާތި ނަރސިންގ ކޯސްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެމްކިޔުއޭއިން ވަނީ ބުނެފައެވެ.
އެމްކިޔުއޭގެ އިއުލާނުގައި ވަނީ، ނާސިން ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް މަތީ ތައުލީމު ދޭ މަރުކަޒުތަކުން މިހާރު ހިންގަމުންދާ ސެމިސްޓާގެ ނިޔަލަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ނަރސިންގ ކޯސްތައް ހިންގުން ހުއްޓާލަން އަންގައިފައެވެ. އެ އެންގުމާ ހިލާފަށް ހިންގަމުން އަންނަ ނަރުސްކަމުގެ ކޯސްތައް، އެ އޮތޯރިޓީން ބަލައިނުގަންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.