ކ. މާލެ
|
29 މާރޗް 2023 | ބުދަ 08:08
އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް
އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް
ގޫގުލް
އޭޑީބީ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވާން އޭޑީބީން ރާއްޖެއަށް 41 މިލިއަން ޑޮލަރުގެ އެހީ ދެނީ
މި އެހީ ފޯރުކޮށްދޭނީ ބީއެމްއެލް މެދުވެރިކޮށް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭނެ

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 41 މިލިއަން އެމެރިކާ ޑޮލަރު (632 މިލިއަން ރުފިޔާ)ގެ ފައިސާގެ އެހީދިނުމަށް އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ނިންމައިފިއެވެ.

އޭޑީބީން ވަނީ މި އެހީ ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ފައިނޭންސް ޕެކޭޖެއްގައި ސޮއި ކޮށްފައެވެ. މި ޕެކޭޖުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި އެހީގެ ތެރޭގައި އޭޑީބީގެ ފަރާތުން ދޭ 13 މިލިއަން ޑޮލަރާއި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ދަށުން 13 މިލިއަން ޑޮލަރާއި، ޑިވެލޮޕްމަންޓް ބޭންކް އޮފް އޮސްޓްރިއާގެ ދަށުން ދޭ 5 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ. އަދި ކެނޭޑިއަން ކްލައިމެންޓް ފަންޑް ފޮރ ދަ ޕްރައިވެޓް ސެކްޓަރ އޭޝިއާ 2 (ސީއެފްޕީއެސް 2) އިން ދޭ 9 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނާއި އޭޑީބީގެ ޕްރައިވެޓް ސެކްޓަރ ވިންޑޯއިން ދޭ އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނެއެވެ.

އޭޑީބީން ބުނެފައިވާ ގޮތުގައި މި ފައިނޭންޝަލް ޕެކޭޖުގެ 60 އިންސައްތަ ދޫކުރާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. އަދި ފަސް އިންސައްތަ ހާއްސަ ކުރާނީ އަންހެނުން ހިންގަމުން އަންނަ ވިޔަފާރިތަކަށެވެ. އަދި ސީއެފްޕީއެސް 2ގެ ލޯނާއި އޭޑީބީ ޕްރައިވެޓް ސެކްޓަރ ވިންޑޯއިން ދޭ އެހީ ހާއްސަ ކޮށްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުވުމަށާއި އެކަމާ ގުޅުންހުރި ޕްރޮޖެކްޓުތައް ހިންގުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭ.ޑީ.ބީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަކީ އިޤްތިސާދުގެ އެންމެ މުހިންމު އެއް ސިނާއަތްކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 75 އިންސައްތައަށް އަށްވުރެ ބޮޑުބައެއް ފަތުރުވެރިކަން ހިއްސާކުރާއިރު، ކޯވިޑް-19އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނުކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި ލޯނުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް އެހީއަކަށް ވެގެންދާނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތައް މި ލޯނުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް