ޔޫރޯ ކޮލިފައިންގައި ކުޅުނު ދެ ވަނަ މެޗުގައި ފްރާންސް އިން އަޔަލެންޑް ބަލިކޮށްފި އެވެ.
އަޔަލެންޑުގެ ޑުލްބިންގައި ހުންނަ އަވިވާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އަޔަލެންޑުގެ އޭރިޔާ ތެރެއިން އޭނާ އޮލިވޭ ޖިރޫޑަށް ބޯޅަ ޖައްސާލި ނަމަވެސް، އަޔަލެންޑުގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ. ފްރާންސް އަށް މެޗުގައި ލީޑު ނަގައިދިނީ ބެންޖަމިން ޕަވާޑް އެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އަޔަލެންޑުގެ ގޯލު އޭރިޔާ ކުރިމަތިން އެ ޓީމުގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގައި ޕަވާޑަށް ބޯޅަ ލިބުމުން، އޭނާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ބާރު ހަމަލާއެއްގައި ޕަވާޑް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން ފްރާންސްގެ މޫސާ ޑިއާބީ ފޮނުވާލި ބޯޅައެއް އަޔަލެންޑުގެ ގޯލް ކީޕަރު ވަނީ މަތަކޮށްފަ އެވެ. އަޔަލެންޑުން ފްރާންސްގެ ގޯލަސް އަމާޒުކޮށް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ފްރާންސްގެ ގޯލް ކީޕަރު މައިކް މައިގްނަން އެވެ. މެޗުގެ 83 ވަނަ މިނެޓުގައި އަޔަލެންޑުގެ ޖޭމްސް މެކްލީން ފޮނުވާލި ބޯޅަ މައިގްނަން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އަޔަލެންޑަށް ލިބުނު ކޯނަރެއްގައި އަލަން ބްރައުން ބޮލުން ފޮނުވާލި ބޯޅަ ވެސް މައިގްނަން ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ލިބުނު ކޯނަރުގައި ޖޯން އީގަން ފޮނުވާލި ނުރައްކާތެރި ބޯޅަ ވެސް މައިގްނަން ވަނީ ހުއްޓުވައިފަ އެވެ.
މިއީ ކޮލިފައިންގައި ފްރާންސް އިން ހޯދި ދެ ވަނަ މޮޅެވެ. މީގެ ކުރިން ކުޅުނު މެޗުގައި އެ ޓީމުން ވަނީ ނެދަލެންޑްސް ވެސް ބަލިކޮށްފަ އެވެ. ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ފްރާންސް އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ.