މި ރޯދަ މަހު އުމްރާގެ އަޅުކަން އެއް ފަހަރަށް މަދު ކުރުމަށް ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން އެދިއްޖެއެވެ.
އެ މިނިސްޓްރީން މިގޮތަށް އެދިފައިވަނީ ތޮއްޖެހުން ކުޑަކުރުމަށާއި އަޅުކަމަށް ގޮސް އުޅޭ ފަރާތްތަކަށް ފަސޭހަ ކަމާއެކު އަޅުކަން އަދާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އާއްމުކޮށް ރޯދަ މަސް ތެރޭގައި ބައެއް ފަރާތަކުން އެއްފަހަރަށްވުރެ ގިނަ ފަހަރަށް އުމްރާގެ އަޅުކަން އަދާކުރާތީ އެހެން މަސްތަކާ އަޅާބަލާއިރު ރޯދަ މަހު ބާރު ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ.
ކޮވިޑް-19ގެ ކުރިން ވެސް އުމްރާ އަދި ޙައްޖުގެ އަޅުކަމުގައި ތޮއްޖެހުމަކީ ސައުދީން ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތް ކަމެކެވެ. ކޮވިޑުގެ ތެރޭގައި އުމްރާ އާއި ޙައްޖުގެ އަޅުކަން އަދާ ކުރެވޭ މީހުންގެ މީހުންގެ އަދަދު ލިމިޓު ކުރުމުން އެކަމަށް ކުޑަ ލުޔެއް ލިބިގެންދިޔަ ނަމަވެސް މިހާރު އަނެއްކާވެސް އެ ފިޔަވަޅުތައް އުވާލަން ޖެހުމުން ކުރިގެ ހާލަތަށް މިވަނީ އައިސްފައެވެ.
ސައުދީގެ ޙައްޖާއި އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ޤައުމުން މި ނިންމުން ނިންމާފައިވަނީ އުމްރާގެ އަޅުކަން އަދާ ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.
ސައުދީ ސަރުކާރުން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ނުސުކް އެޕް މެދުވެރިކޮށް ހުއްދައަށް އެދުމަށް އަންގާފައެވެ.
މީގެ އިތުރުން ސައުދީން ވަނީ ހައްޖާއި އުމްރާއަށް އެ ޤައުމަށް ގޮސް އުޅޭއިރު، އެގައުމުގެ މުގައްދަސް ބިނާތަކަށް އިހްތިރާމް އަދާކުރުމަށާއި، އަބަދު ފޮޓޯ ނެގުމައިގެން މަޝްއޫލުވެ ނޫޅުމަށް، އަންގާފައެވެ. އަދި ފޮޓޯ ނެގުމަށްޓަކައި، ތަވާފް ކުރުމާއި އެހެންވެސް ރުކުންތައް އަދާކުރަމުންދާއިރު ކުއްލިއަކަށް ހުއްޓުންފަދަ ކަންތައް ކުރާނަމަ، ބައިބޯވެ، މީހުން ފިތުންފަދަ ހަދިސާތައް ދިމާވާކަން ވަނީ ފާހަގަކޮށްފައެވެ.
ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށްދެއެވެ. ހާއްސަކޮށް ފަހު 10ގައި އުމްރާގެ އަޅުކަން އަދާ ކުރަން ދާ މީހުންގެ އަދަދު އިތުރު ކަމަށް ސައުދީން ފާހަގަކުރެއެވެ.