ކ. މާލެ
|
25 މާރޗް 2023 | ހޮނިހިރު 16:00
"ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން" މި ނަމުގައި ބޭއްވި އިޙްޔާ ފޯރަމްގެ ޕެނަލިސްޓުން
"ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން" މި ނަމުގައި ބޭއްވި އިޙްޔާ ފޯރަމްގެ ޕެނަލިސްޓުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ނަބިއްޔާ ﷺގެ ޙަޔާތްޕުޅު
ނަބިއްޔާގެ ސީރަތުން، ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ: ޑރ. ޢަލީ ޒާހިރު
 
ރަސޫލާ ﷺގެ ސީރަތަކީ ކިޔައި، އަޑުއަހައި، ފޫހިނުވާނެފަދަ، ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ އެއްޗެއް

ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެކަމަށް, ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. 

ޑރ. ޒާހިރު މިހެން ވިދާޅުވީ "ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން" މި މައުޟޫޢަށް އައްޑޫ ހައި ސްކޫލު ހޯލްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އިޙްޔާ ފޯރަމުގައި ތަޤްރީރު ކުރައްވަމުންނެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އަތޮޅުތަކުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައި ތަޤުރީރުކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ، މުޙައްމަދު އަނީލްއާއި ޑރ. ޢަލީ ޒާހިރެވެ. 

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ, ރަސޫލާ ﷺގެ ސީރަތަކީ ކިޔައި، އަޑުއަހައި، ފޫހިނުވާނެފަދަ, ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ އެއްޗެއްކަމަށެވެ. އެގޮތުން އަޅުކަންތަކާއި، މީހުންނާއި މުޢާމަލާތުކުރައްވާ ގޮތާއި އެކަލޭގެފާނުގެ އަޚްލާޤުގެ މައްޗަށް ބައްލަވާލެއްވިއެވެ. 

އިންސާނެއްގެ އަޅަކަށްވުމަކީ ނިކަމެތި، އަދި ދެރަކަމެއް ކަމަށާއި، އެހެންނަމަވެސް މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ އެ އަޅަކަށް ލިބޭ މަތިވެރިކަމެއް އަދި ޝަރަފެއްކަމަށް ވިދާޅުވިއެވެ. ޑރ. ޒާހިރުގެ ވާހަކަފުޅުގައި ރާސޫލާ ﷺގެ ޙަޔާތްޕުޅުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް އިސްކަންދެއްވާ މިންވަރު ތަފްޞީލުކޮށްދެއްވިއެވެ. އަދި ރޯދަހިއްޕެވުމާއި، ޞަދަޤާތްކުރެއްވުމުގައި ޢަމަލުކުރެއްވި ގޮތްތަކަށް ބައްލަވާލައްވައި، އެކަލޭގެ ފާނުގެ ޙަޔާތްޕުޅުގައި ދިމާވެފައިވާ އެކިއެކި ޙާދިޘާތައް ތަފްޞީލުކޮށްދެއްވިއެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް ތަޤުރީރުކުރައްވަމުން، ރަސޫލާ ﷺގެ ރިވެތި އަޚްލާޤުފުޅުގެ މައްޗަށް ވަރަށް ތަފްޞޛލީ ގޮތެއްގައި ބައްލަވައިލެއްވިއެވެ. އެގޮތުން އެކަލޭގެފާނު އެންމެ އާދައިގެ މީހަކާ މުޢާމަލާތުކުރައްވާއިރުވެސް އެމީހަކީ ވަރަށް މުހިންމު މީހެއްކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާކަން ފާހަގަކުރައްވައި، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި އޭގެ ބައެއް މިސާލުތައް ތަފްޞީލުކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ވިސްނައި އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. 

ޢަދުލުވެރިކަމާއި، އޯގާތެރިކަމާއި، ހިތްހެޔޮކަމާއި، މިކަންކަމަކީ ރަސޫލާ ﷺގެ ކިބާގައި އާދަޔާ ޚިލާފަށް ހުރި ކަންކަން ކަމަށްވެސް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒާހިރު ޢަލީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އޮންނާނީ މިމަހުގެ 31ވާ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނަ އިޙްޔާ ފޯރަމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް